06 Jun 2014, 17:39
މާލޭގެ މަގުތައް ތަރުތީބު ކުރުމަށް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ފުލުހުން ނިންމައިފި އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މާލޭގެ މަގުތައް އިތުރަށް ތަރުތީބުކުރަން ޖެހިފައިވާކަމަށާއި އެގޮތުން ހިނގާ ބިނގާވެއުޅޭ މީހުންނަށާއި ދުއްވާތަކެއްޗަށާއި އެތެކެތި ޕާކް ކުރުމަށް އުދަގޫވާގޮތަށް މަގުމަތީގައާއި ދުވާރުމަތީގައި ބަހައްޓާފައިވާ ތަކެތި މާދަމާއިން ފެށިގެން ނެގުމުގެ މަސައްކަތް މާލެ ސިޓީ ޕޮލިސް އިން ކުރިއަށް ގެންދާނެކަމަށެވެ.
އެގޮތުން މަގުތަކުގައާއި ދުވާރުމަތިގައި ބަހައްޓާފައި ހުންނަ ޕެލެޓް، ގޮނޑި، ގަސްމުށިފަދަ ތަކެތި ނެގުމަށް ފުލުހުން ފަށާ މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
http://www.youtube.com/watch?v=qLhNnO-Pf5E
ޝުޖާއު ވިދާޅުވީ ފުލުހުން ކުރާ މިފަދަ ކޮންމެ މަސައްކަތަކީވެސް އެކަމުގެ ސަބަބުން އެންމެހައި ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ.
އޭގެ އިތުރުން، ހިނގާ ބިނގާވެއުޅޭ މީހުންނަށާއި ދުއްވާތަކެއްޗަށާއި އެތެކެތި ޕާކް ކުރުމަށް އުދަގޫވާގޮތަށް މަގުމަތީގައާއި ދުވާރުމަތީގައި އެވެސް ފަރާތަކުން އެއްޗެއް ބަހައްޓާފައިވާނަމަ، މާލޭގެ މަގުތައް ތަރުތީބު ކުރުމުގެ މަސައްކަތް މާދަމާ ފުލުހުން ފެށުމުގެ ކުރިން، އެ އެއްޗެއް ނެގުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރައްޔިތުންގެ ލުއިފަސޭހައަށް ފުލުހުން ކުރާ ކޮންމެ މަސައްކަތެއްގައިވެސް، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ފުލުހުންނަށް ލިބެމުންދާކަން، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ. އަދި މާލޭގެ މަގުތައް ތަރުތީބު ކުރުމަށް މާދަމާ ފަށާ މި މަސައްކަތުގައި އެންމެހައި ދިވެހިރައްޔިތުންގެ އެހީތެރިކަމަށް އޭނާ ވަނީ އެދި ވަޑައިގެންފައެވެ.