ބެއިޖިންގް (ޖޫން 6): 1989 ވަނަ އަހަރުގެ ޖޫންމަހު ޗައިނާގެ ޓިޔަނަމެން މައިދާނުގައި، ހުޅަނގުގެ ޑިމޮކްރަސީގެ ޝިޢާރުތައް އުފުލައި ޗައިނާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އިހްތިޖާޖްތައް ކުރަމުން ގެންދިޔަ އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ޗައިނާ ސިފައިން ބާރުގެ ބޭނުންކުރި ހާދިސާއަށް 25 އަހަރު ފުރުން ފާހަގަކޮށް އެމެރިކާގެ މަސްއޫލުވެރިން ދެމުންގެންދާ ހަރުކަށި ބަޔާންތަކަށް ޗައިނާ ދެކޮޅު ހަދައިފިއެވެ.

ޗައިނާ ސަރުކާރުން ބުނީ، ޓިޔަނަމެން މައިދާނުގައި ކުށެއްނެތް ބަޔަކު ޗައިނާއިން މެރިކަމަށްބުނެ އެމެރިކާގެ މަސްއޫލުވެރިން ދެމުން ގެންދާ ބަޔާންތަކަކީ ހަގީގަތް އޮޅޭގޮތަށް ޗައިނާ ބަދުނާމު ކުރުމުގެ މަގްސަދުގައި ދެމުން ގެންދާ ބަޔާންތަކެއް ކަމުގައެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރްޖަމާން ހޫންގްލީ ވިދާޅުވީ މިކަމާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ރަސްމީ ބަޔާނަށް ޗައިނާ ދެކޮޅުހަދާ ކަމަށާއި އެ ބަޔާނަކީ ކަމުގެ ހަގީގަތް އޮޅުވާލައި ޗައިނާގެ އަގު ވައްޓާލުމަށް ނެރެފައިވާ ބަޔާނެއް ކަމުގައެވެ.

މި މައްސަލާގައި ޗައިނާގެ ޚާރިޖިއްޔާއިން ވަނީ އިހްތިޖާޖުގެ ވަރުގަދަ ސިޓީއެއް ވެސް ބެއިޖިންގްގައި ހުންނަވާ ޗައިނާގެ އެންބެސެޑަރާ ހަވާލުކޮށްފައެވެ.

ޓިޔަނަމެން މައިދާނުގައި 1989 ވަނަ އަހަރު، ހުޅަނގުގެ ޑިމޮކްރަސީގެ ޝިޢާރުތައް އުފުލައި އިހްތިޖާޖްތައް ކުރަމުން ގެންދިޔަ ފަރާތްތަކާ ދެކޮޅަށް ޗައިނާ ސިފައިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެތަށް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބުނެފައިވެއެވެ. ނަމަވެސް ޗައިނާ ބުނާގޮތުން މަދު އަދަދެއްގެ ބަޔަކު މަރުވީ ސަލާމަތީ ބާރުތަކާ އެމީހުން ކުރިމަތިލައި އަމަން އަމާންކަން ނަގާލުމާ ގުޅިގެން މަސްރަހު ހަމައަކަށް އެޅުވުމަށް ސަލާމަތީ ބާރުތަކުން ކުރި މަސައްކަތްތަކުގެ ތެރޭގައި ކަމުގައެވެ.

ޗައިނާގެ މުސްތަގިއްލު ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގް ގައި އެތަށް ހާސްބަޔަކުވަނީ ޓިޔަނަމެން މައިދާނުގެ ހާދިސާއަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އުއްބައްތި އާއެކު ހިމޭންކަމުގެ ސުކޫތެއް އެ ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ގެނަސްފައެވެ.

ޓިޔަނަމެން މައިދާނުގެ ހާދިސާއާބެހޭ ހަނދާންތައް އައު ކުރުމަކީ ޗައިނާގެ އެހެން ސަރަހައްދުތަކުގައި މަނާކޮށްފައިވާ ކަމެކެވެ. އެހެންކަމުން ޓިޔަނަމެން މައިދާނުގެ ހާދިސާގެ ހަގީގަތް އެގައުމުގެ 25 އަހަރުން ދަށުގެ ޖީލަށް އެއްގޮތަކަށް ވެސް ނޭންގޭ ކަމަށާ މިއީ ބޮޑު ޖަރީމާއެއް ކަމަށް އެމެރިކާ ސިފަކުރެއެވެ.

ހުޅަނގުގެ ޑިމޮކްރަސީގެ ޝިޢާރުތައް އުފުލައި ޓިޔަނަމެން މައިދާނުގައި ޗައިނާގެ ބަޔަކު 1989 ވަނަ އަހަރު ކުރި އިހްތިޖާޖްތަކަކީ ޗައިނާގައި ފިތުނަ އުފައްދައި ޑިމޮކްރަސީގެ ނަމުގައި ހަމަޖެހުން ނަގާލުމަށް އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތައް އަޑީގައި ތިބެގެން "އެނބުރި ގޭސް ގަނޑެއް" ކަމަށް ޗައިނާއިން އެދުވަސްވަރު ސިފަކޮށްފައިވެއެވެ. އަދި ބާރުގެ ބޭނުންކޮށްގެން އެކަންތައް އެވަގުތު ނުހުއްޓުވިނަމަ ޑިމޮކްރަސީގެ ނަމުގައި އެހެން ގައުމުތަކަށް "ޖެހުނުބަލި" ޗައިނާއަށް ވެސް ޖެހުނީސް ކަމަށް އެގައުމުގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ. (ރޮއިޓާސް)