06 Jun 2014, 17:03
ބްރަސަލްސް (ޖޫން 6): ދުނިޔޭގެ ގައުމުތަކުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ކުރިޔަށް ގެންދިޔުމަށް ބްރަސަލްސްގައި އިއްޔެ ނިމުނު ޖީ 7 ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ގޮވާލައިފި އެވެ.
އިއްޔެ ހަވީރު ނިންމާލި މި ސަމިޓްގައި ދުނިޔޭގައި ސިނާއީ ގޮތުން ކުރިއަރާފައިވާ 7 ގައުމުގެ އިސްވެރިން އެއްބަސްވެ ވަޑައިގެންފައި ވަނީ ދުނިޔޭގެ ގައުމުތަކާއި އިގްތިސާދީ ސަރަހައްދުތަކުގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް މިހާރަށްވުރެ ވެސް ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިޔުމަށެވެ.
ޖީ 7 ގެ ލީޑަރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައި މިނިވަން ވިޔަފާރީގެ ސިލްސިލާ އެއްބަސްވުންތަކަކީ ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތްތަކަށް އެންމެ ބޮޑު ދިރުމެއް ގެނަސްދޭ ވިޔަފާރީގެ އުސޫލުތައް ކަމަށް ސިފަކޮށްފައި ވެއެވެ. އަދި މި އުސޫލުތަކަކީ ދުނިޔޭގެ ވިޔަފާރިއަށް އިސްލާހީ ބަދަލުތައް ގެނަސްދޭ ވަސީލަތެއް ކަން ހާމަކޮށް އެކަން ކުރިޔަށް ގެންދިޔުމަށް ހިތްވަރު ދީފައި ވެއެވެ.
ދުނިޔޭގައި ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގެ އިސްވެރިން ސަމިޓްގައި ރަޝިޔާ ކުރިން ބައިވެރިވަމުން ދިޔަނަމަވެސް ޔުކްރޭންގެ މައްސަލައާ ގުޅިގެން މިފަހަރުގެ ސަމިޓްގައި ރަޝިޔާ ބައިވެރިކޮށްފައެއް ނުވެއެވެ. އެހެންކަމުން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން މިސަމިޓަށް ހާޒިރުވެވަޑައި ނުގަންނަވައެވެ. މީގެ އިތުރުން ދުނިޔޭގެ ސިނާއީ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދުނިޔޭ ދެވަނަ އިގްތިސާދީ ބާރު ކަމަށްވާ ޗައިނާއަށް ވެސް މި ސަމިޓަށް ދައުވަތު ނުދޭތީ މިއީ ހަމައެކަނި ހުޅަނގުގެ ބޮޑެތި ގައުމުތަކުގެ މޮނޮޕޮލީ ގައި ކުރިޔަށްދާ ސަމިޓެއް ކަމަށް ދަނީ ސިފަކުރެވެމުންނެވެ.
ޖަޕާނާއި ހުޅަނގުގެ ބޮޑެތި ބާރުތަކުގެ މައްޗަށް އެކުލެވޭ ޖީ ހަތެއްގެ ގައުމުތަކަކަށް ދުނިޔޭގެ އިގްތިސާދުގެ 70 އިންސައްތަ ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ލިބިފައި ވީ ނަމަވެސް މީގައި ޗައިނާއާއި ރަޝިޔާ ނުހިމެނުމަކީ މިޖަމާއަތުގެ ބާރު ކުޑަވެގެންދާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)