ތިމާވެށި ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު ވެހިކަލް ދުއްވުން މަނާ ވަގުތު ތިން ގަޑިއިރަށް ކުޑަކޮށްފި އެވެ. ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4:00 ފެށިގެން މިރޭ 8:00 ހަމަޔަށް ވެހިކަލް ދުއްވުމަކީ މަނާ ކަމެއްގެ ގޮތުގަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަދު ވެހިކަލް ދުއްވުން މަނާ ވަގުތަކީ ހަވީރު 4:00 ފެށިގެން އިރުއޮއްސި 7:00 އަށް ކަމަށެވެ. އެގޮތަށް ނިންމީ ފުލުހުންނާއި މާލޭ ސިޓީ ކައުންސިލާއި ޓްރާސްޕޯޓް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު އެވެ.

ފުލުހުން ބުނީ ފައިމަގުގައި އުޅޭ ވަގުތަކުގައި ވެހިކަލް ދުއްވާނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ. އެ ގޮތުން ހިނގާފައި އުޅެން ހަމަޖައްސާފައިވާ ތިން ގަޑިއިރުގެ ތެރޭގައި ދުއްވާ އުޅަނދުތައް ހިފަހައްޓައި 750ރ. އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހަވީރު 4:00ގައި ޖުމްހޫރީ މައިދާނުގައި އަތު ގުޅާލުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ސަލްޓަން ޕާކުގައި ފަންނުވެރިންގެ ހަރަކާތަކާއި މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި މާދަމާމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ އެވެ.