މި ފަހަރުގެ ވޯލްޑްކަޕް ފައިނަލުގައި ކުޅޭނެ ކަމަށް ލަފާކުރެވެނީ ބްރެޒިލް އާއި އާޖެންޓީނާ ކަމަށް ބްރެޒިލްގެ ކޯޗު ލުއިސް ފިލިޕް ސްކޮލާރިސް ބުނެފި އެވެ.

ސްކޮލާރިސް އިއްޔެ ބުނީ އޭނާ އާއި އޭނާގެ މުވައްޒަފުން މި ފަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ދިރާސާކޮށްފައިވާ ކަމަށާއި އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު އޮންނަ ވޯލްޑްކަޕްގެ ފައިނަލުގައި ވާދަކުރުން އެންމެ ގާތީ ސައުތު އެމެރިކާގެ ފުޓުބޯޅައިގެ ގަދަ ދެބާރު ކަމަށެވެ.

"އަހަރެމެންގެ ދިރާސާއިން ދައްކާގޮތުގައި ފައިނަލުގައި އެއްކޮޅުން ބްރެޒިލް ކުޅޭ އިރު އަނެއްކޮޅުން ވާދަކުރާނީ އާޖެންޓީނާ،" ރިއޯޑި ޖެނޭރޯ ގެ ބޭރުގައި އިއްޔެ އޮތް ބްރެޒިލް ޓީމުގެ ޓްރޭނިންގް ކޭމްޕް ގައި ސްކޮލާރިސް ބުންޏެވެ.

މި ގޮތަށް ލަފާކުރާ ސަބަބުތަކަކީ ކޮބައިކަމެއް ސްކޮލާރިސް ނުބުނެ އެވެ. އެހެން ނަމަވެސް އޭނާ ބުނީ މި ލަފާކުރުން ރަނގަޅުވާނެ ކަމަށް އުއްމީދުކުރާ ކަމަށާއި އެހެން ވެއްޖެ ނަމަ މި ފަހަރުގެ ފައިނަލް މެޗު ވެގެންދާނީ ފުޓުބޯޅައިގެ ގަދަ ދެބާރުގެ މެދުގައި ކުޅޭވޭ ފޯރިގަދަ ފައިނަލަކަށް ކަމަށެވެ.

"އުއްމީދު ކުރެވޭ ގޮތުގައި މިބުނީ ފައިނަލުގައި ކުޅޭނެ ދެޓީމު. މި ފަހަރަކީ ސައުތު އެމެރިކާގެ ފައިނަލެއް، އެހެންވީމާ ފައިނަލުގައި ކޮލިޓީ އާއި މޮޅެތި ކުޅުންތެރީންވެސް ފެންނާނެ،" ސްކޮލާރިސް ބުންޏެވެ.

ވޯލްޑްކަޕުގެ އެންމެ ވަރުގަދަ ވާދަވެރީންގެ ތެރޭގައި ހިމެނޭ ބްރެޒިލް އާއި އާޖެންޓީނާ ގުރޫޕް ސްޓޭޖްގެ މެޗުތައް އެއްވަނަ މަގާމުގައި އޮވެގެން ނިންމާލައިފި ނަމަ، ސެމީފައިނަލުގެ ކުރީން އެދެޓީމުގެ މުބާރާތުގައި ބައްދަލުކުރާކަށް ނުޖެހޭނެ އެވެ. އެހެން ވެއްޖެ ނަމަ އެދެޓީމަށް އެއްބަޔަކު އަނެއް ބަޔަކާ ބައްދަލު ވާނީ މަރަކާނާ ސްޓޭޑިއަމް ގައި އޮންނަ ފައިނަލު މެޗުގަ އެވެ.

"ފުރަތަމަ ބުރު ނުވަތަ ދެވަނަ ބުރުން އާޖެންޓީނާ ކަޓައިގެންދާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ބަލަން ބޭނުންވަނީ އާޖެންޓީނާ މީހުން އެމީހުންގެ އާންމު ފުޓުބޯޅަ ކުޅޭތަން،" ސްކޮލާރިސް ބުންޏެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބްރެޒިލްގެ ކޯޗު ބުނީ އޭނާ ގެ މައިގަނޑު ވިސްނުމަކީ އަބަދުވެސް ބްރެޒިލްކަން ހަނދާންކޮށްދޭން ބޭނުންވާ ކަމަށެވެ.

"އަހަރެންގެ ފުރަތަމަ ކަމަކީ ބްރެޒިލް ފައިނަލަށް ގެންގޮސްދިނުން. އެއަށް ފަހު ދެން އަނެއްކޮޅުން ކޮންމެބަޔަކު އަޔަސް މައްސަލައެއް ނެތް،" ސްކޮލާރިސް ބުންޏެވެ.

ބްރެޒިލް އާއި އާޖެންޓީނާ ވޯލްޑްކަޕުގައި މިހާތަނަށް ވާދަކޮށްފައި ވަނީ ހަތަރު ފަހަރު އެވެ. އޭގެ ތެރެއިން އާޖެންޓީނާ މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 1990 ވަނަ އަހަރު އެވެ. އެފަހަރު އާޖެންޓީނާ މޮޅުވީ 0-1 އިންނެވެ. މިދެޓީމު 1974 ވަނަ އަހަރު ބައްދަލުކުރި މެޗު ބްރެޒިލް ކާމިޔާބުކުރީ 1-2 އިންނެވެ. 1982 ވަނަ އަހަރު މިދެޓީމު ބައްދަލުކުރި މެޗު ބްރެޒިލް ކާމިޔާބުކުރީ 1-3 އިންނެވެ.

އާޖެންޓީނާ ގައި 1978 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި މި ދެޓީމު ބައްދަލުކުރި މެޗު ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެފަ އެވެ. އެ ފަހަރުގެ ވޯލްޑްކަޕް ޗެމްޕިއަނުންނަކީ އާޖެންޓީނާ އެވެ. އާޖެންޓީނާ އާއި އެކު ފައިނަލުގައި ކުޅުނީ ނެދަލޭންޑްސް އެވެ. ނެދަލޭންޑްސް ފައިނަލުގައި ބަލިވީ 1-3 އިންނެވެ.