06 Jun 2014, 12:35
ދެ މަސް ދުވަސް ވަންދެން ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ އީރާނުގެ މަސް ބޯޓެއް، ތ. ތިމަރަފުށީ ބޭރުން ފެނިއްޖެ އެވެ.
މިއަދު ހެނދުނު އެ ބޯޓު ފެށުނީ ތިމަރަފުށީ މަސް ދޯންޏަކަށެވެ. އެ ދޯންޏަށް އެ ބޯޓު ފެނުމާއެކު ފުލުހުންނާއި ސިފައިންނަށް އެކަން ވަނީ އަންގާފަ އެވެ.
ތިމަރަފުށީ ޕޮލިސް ސްޓޭޝަނުގައި ތިބި ފުލުހުންގެ ޓީމަކުން މިހާރު ވަނީ އެ ބޯޓަށް އަރާފަ އެވެ. އެ ބޯޓުގައި ތިބި މީހުން ބުނާ ގޮތުން އެ މީހުން ހާލުގައި ޖެހިފައިވާތާ ދެ މަސް ދުވަސް ވެއްޖެ އެވެ. އެ ބޯޓަކީ މަސް ވެރިކަން ކުރާ ބޯޓަކަށްވިޔަސް މިހާރު އެ ބޯޓުގައި އެއްވެސް މަހެއް ނެތް ކަމަށްވެ އެވެ.
އެ ބޯޓަށް އެރި މީހަކު "ސަން"އަށް ބުނީ ބޯޓުގައި 14 މީހަކު އެބަތިބި ކަމަށާއި އެ މީހުންނަށް ފުލުހުން މިހާރު ކާއެއްޗެހި ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ މީހުނާ ހަވާލުވުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ އުޅަނދެއް، ތިމަރަފުއްޓާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް އޭނާ ބުންޏެވެ.