03 Jan 2011, 12:20
ޑީއާރުޕީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއޭ އަށް އިޝާރަތް ކުރައްވައި، ޑީއާރުޕީގެ ލީޑަޝިޕުން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ބުނެ، އެ ޕާޓީގެ ލީޑަޝިޕުން ވާހަކަ ދައްކަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވޯޓު ހޯދައި ދިނުމަށް ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ފާޑުވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ތަސްމީން ރޭ ވިދާޅުވީ، ތިން ހާސް މީހުން ހަމަނުވާ ޕާޓީއަކުން ޑީއާރުޕީގެ ލީޑަޝިޕާ ބެހޭ ގޮތުން ވާހަކަތަކެއް ދެއްކެވުމަކީ ކަން ބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 10 ކެންޑިޑޭޓުން ވެސް ނުނެރެވޭ ބަޔަކު ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
"އެ ޕާޓީގައި 3000 މެންބަރުން ހަމަނުވާ އިރު ދެން ކޮން ވާހަކައެއް ދައްކާކަށްތޯ. އެ ޕާޓީން މި ލޯކަލް ކައުންސިލް އިންތިހާބަށް 10 މެންބަރުން ކުރިމަތިލެއްވުމުގެ ފުރުސަތު އެ ޕާޓީން ތަނަސްކޮށްނުދެވުނު އިރު ކޮން ވާހަކައެއް ދައްކާކަށްތޯ،" ޕީއޭ އަށް އިޝާރާތް ކުރައްވައި ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރާނީ އޮންނަ ނިޒާމުގެ ތެރެއިންނާއި ކޯޓް މަރުހަލާގެ ތެރެއިން ކަމަށެވެ. އަދި އެ ނޫން ގޮތެއް އިހުތިޔާރު ކުރާނީ އެ ދޮރުތައް ބަންދުވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެ އިދިކޮޅު ޕާޓީއަކުން ވެސް މަސައްކަތް ކުރަންވާނީ ޒިންމާއެއް އޮތް ކަމަށް ގަބޫލުކޮށް އެ ޒިންމާ އަދާކުރުމަށް ކަމަށާއި ނަމަވެސް އެކަން އެންމެ ރަނގަޅަށް އަދާ ނުކުރާ ކަމުގެ ތުހުމަތު ތަސްމީން ޕީއޭގެ ބޮލުގައި އެޅުއްވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގެނަވެނީއަކީ ނޫން. ކޮމެޓީތަކަށް ހާޒިރުވެވެނީ އަކީ ނޫން. މަޖިލީހުގެ ތެރެއިން މަސައްކަތްތަކެއް ކުރެވެނީއަކީ ނޫން. އެހެން ނަމަވެސް ދައްކަވަން ފަސޭހަފުޅު ވާހަކައަކީ ޑީއާރުޕީއަކުން މަސައްކަތެއް ނުކުރެއޭ،" ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީއޭގެ ބޭފުޅުންނަށް އިޝާރާތްކުރައްވައި ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކުން އެގޮތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ދަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީއަށް ލިބެމުން އަންނަ ތަރުހީބް ކުޑަކޮށް މީހުންގެ ހިތްތަކުގައި ސުވާލު އުފައްދައިގެން ޑީއާރްޕީއަށް ލިބޭ ވޯޓް މަދުކުރުމުގެ މަގުސަދުގައި ކަމަށާއި އެމްޑީޕީ އަށް ތާއީދު އިތުރު ކުރުމަށް ކުރާ ކަމެއް ކަމަށެވެ.
ތަސްމީން ވިދާޅުވީ ބައެއް ފަރާތްތަކުން އެ ގޮތަށް ކުރިމަތި ކުރާ "ޗެލެންޖުތަކަށް" ޑީއާރުޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި ކުރިއަށް ލޯކަލް ކައުންސިލްގެ އިންތިހާބާއި 2013ގެ ރިއާސީ އިންތިހާބު ކާމިޔާބުކޮށް މި ސަރުކާރު "ސައިޒަށް ކަނޑާލާނަން" ކަމަށެވެ.