06 Jun 2014, 10:54
މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު މާރާމާރީ އާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް އިތުރު ނުވެ، އެއް މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަތަކަށްވުރެ، މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ވަނީ އެންމެ ޕަސެންޓެކެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް، ފާއިތުވި ފަސް މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 7،608 މައްސަލަ އެވެ. ނަމަވެސް މިދިޔަ އަހަރު ފުރަތަމަ ފަސް މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވަނީ 7،512 މައްސަލަ އެވެ.
މިއަހަރުގެ އެޕްރީލް މަހާއި އަޅާ ބަލާއިރު، މެއި މަހު ވަނީ މާރާމާރީގެ މައްސަލަތައް 15 ޕަސެންޓަށް ދަށްވެފަ އެވެ. އެގޮތުން މާރާމާރީގެ 92 މައްސަލައެއް މެއި މަހު ފުލުހުންނަށް ހުށަހަޅާފައިވާއިރު، މިދިޔަ އެޕްރީލް މަހު މާރާމާރީގެ 109 މައްސަލައެއް ފުލުހުން ތަހުގީގު ފަށާފައިވެ އެވެ.
މިދިޔަ އަހަރުގެ މެއި މަހާއި މި އަހަރުގެ މެއި މަހާ އަޅާ ބަލާއިރު، ކުށްކުރުން ވަނީ ދަށް ވީ ފަސް ޕަސެންޓަށެވެ. އެއީ މާރާމާރީ އާއި ވައްކަމާއި ފޭރުމާއި ބަދުއަހުލާގީ މައްސަލަތަކާއި ގެވެށި އަނިޔާ އާއި ޓްރެފިކް މައްސަލަތައް ހިމެނޭ ގޮތަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި އެކަނި ހުށަހެޅި މައްސަލަތަކުގެ އަދަދު އުޅެނީ އުޅެނީ 1534 މަތީގަ އެވެ. ނަމަވެސް މިއަހަރުގެ މެއި މަހު އެ އަދަދު ވަނީ 1453 ދަށް ވެފަ އެވެ.
މާރާމާރީގެ މައްސަލަތައް 15 ޕަސެންޓް މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ދަށްވިޔަސް، ތަފާސް ހިސާބުން ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ނުވަ ޕަސެންޓަށް އިތުރުވެފަ އެވެ. މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 1708 މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މިދިޔަ އަހަރު ފުރަތަމަ ފަސް މަސް ދުވަހު އެ އަދަދު އުޅެނީ 1539 ގަ އެވެ.