05 Jun 2014, 23:55
ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ރޯޑު ރޭހުގެ ގޮތުގައި މާދަމާ ހަވީރު 4:15ގައި "ދިރާގު ރޯޑް ރޭސް" ފެށުމަށް ހަމަޖެހިފައި ވާ އިރު، އެ ރޭހުގައި ދުނިޔޭގެ 33 ގައުމަކުން ދުވުންތެރިން ބައިވެރި ވެފައި ވާ ކަމަށް ދިރާގުން ބުނެފިއެވެ.
އެސޯސިއޭޝަން އޮފް އިންޓަނޭޝަލް މެރަތަން އެންޑް ޑިސްޓެންސް ރޭސް (އެއިމްސް) އިން ގަބޫލުކުރާ މިންގަނޑަށް ފެތޭ ގޮތަށް ދިރާގުން ކުރިއަށްގެންދާ މި ރޯޑް ރޭހުގައި އޮސްޓްރޭލިޔާ، ކެންޔާ، ނައިޖީރިއާ ފަދަ ގައުމު ތަކުން ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރި ވެފައި ވާއިރު ރޭސް ނިންމާ ކޮންމެ ބައިވެރިއަކަށް ބައިނަލްއަގްވާމީ ސެޓިފިކެޓެއް ދިނުމަށް ހަމަޖެހިފައި ވާ ކަމަށް ދިރާގުން ބުންޏެވެ.

މިއަދު ރާއްޖެ އައި ދިރާގު ރޯޑުރޭހުގައި ބައިވެރިވާ ބައެއް ކުޅުންތެރިން އެއާޕޯޓުގައި ---- ފޮޓޯ: ދިރާގު
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރު ޙަސަން ޝާރިޙް އާދަމް ވިދާޅުވީ، މިފަހަރުގެ ރޭހަށް އެހެން އަހަރުތަކަށް ވުރެ ބޮޑު ތަރުހީބެއް ލިބިފައި ވާ ކަމަށެވެ. އަދި ރޭހުގައި ބައިވެރިވާ ބޭރު ގައުމުތަކުގެ ދުވުންތެރީން މިއަދު ރާއްޖެ އަންނަން ފަށާފައި ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި ވަނީ، ގިނަ ވެގެން 3000 ބައިވެރިންނަށް ރޭހުން ފުރުސަތު ދޭން. އެހެން ނަމަވެސް މިހާރުވެސް އެ އަދަދު ހަމަވެގެން ވެއިޓިން ލިސްޓުގައި ވެސް 400 ވަރަކަށް ދުވުންތެރިން އެބަތިބި،" ޝާރިހް ވިދާޅުވި އެވެ.
މީގެ ހަތް އަހަރު ކުރިން 200 ބައިވެރިންނާ އެކު ދިރާގުން ފެށި ރޯޑްރޭސް 3000 ބައިވެރިންނަށް އިތުރުވެ ބައިނަލްއަގްވާމީ ރޭހަކަށް ބަދަލު ވެފައިވާ އިރު، ދިރާގުން ވަނީ، މިފަހަރުގެ ރޭހުގެ ދިގުމިން ކުރިން އޮންނަ 5 ކިލޯ މީޓަރުގެ އިތުރުން 10 ކިލޯ މީޓަރުގެ ކެޓަގަރިއެއް ހިމަނައިފައެވެ.
ޝާރިހް ވިދާޅުވީ، މިފަހަރުގެ ރޯޑް ރޭސް ކުރިއަށް ގެންދާ ވަގުތަކީ މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރަން ފައިމަގުގައި އުޅެން ސަރުކާރުން ކަޑައަޅާފައި ވާ ވަގުތު ކަމަށްވާތީ، ފައިމަގުގައި އުޅުއްވާ ބޭފުޅުން ރޯޑު ރޭހުގެ ބައިވެރިންނަށް އުނދަގޫ ވާ ފަދަ އެއްވެސް ކަމެއް ނުކުރުމަކީ ދިރާގުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
ދިރާގު ރޯޑު ރޭހުގެ 10 ކިލޯ މީޓަރުގެ ބައިގައި އެއްވަނަ އަށް ދާ ފަރާތަކަށް 10،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. ދެވަނަ އަށް ދާ ފަރާތަކަށް 8،000ރ. ދޭއިރު ތިންވަނަ އަށް ދާ ފަރާތަކަށް 6،000ރ. ދޭނެ އެވެ.
ތީމެއްގެ ގޮތުގައި "ހެލްޕް ޕްރޮޓެކްޓް ޗިލްޑްރަން" ހަމަޖައްސާފައިވާ ރޯޑް ރޭސް މާދަމާ ހަވީރު ރާޅުގަނޑު ސަރަހައްދުގައި ފަށާއިރު މިފަހަރުގެ ރޭހުގެ ބައިވެރިންނަށް ޓީޝާޓް ދޫކުރަނީ 30ރ. ގެ އެހީއެއް ދިނުމުންނެވެ. އަދި އެގޮތުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ، ރޭހުގައި އެހީވުމަށް ކަނޑައަޅާފައިވާ ފަސް ޖަމިއްޔާއެއް ކަމަށްވާ "ޓައިނީ ހާޓްސް"އާއި "އާކް"އާއި "ކެންސާ ސޮސައިޓީ"އާއި "ކެއާ ސޮސައިޓީ"އާއި "މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއޭބަލްސް "ގެ އިތުރުން "ޑައިބެޓިކް އެސޯސިއޭޝަން" އަށެވެ.