މިމަހު ފީފާއިން އިއުލާންކުރި ކޮކާކޯލާ ފީފާވޯލްޑް ރޭންކިންގައި، ވޯލްޑްކަޕް ބާއްވާ ގައުމުކަމަށްވާ ބްރެޒިލް ތިންވަނަ އަށް ޖެހިލައިފިއެވެ. މިފަހުރު ވެސް އެއްވަނައިގައި އޮތީ ސްޕްއިންއެވެ. ދެވަނައިގައި އޮތީ ޖަރުމަނެެވެ. މި ދެމަގާމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިން ތިންވަނަ މަގާމްގައި އޮތް ޕޯޗުގަލްވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. ފަސްވަނަ މަގާމްގައި އާޖެންޓީނާ އޮތްއިރު ސްވިޒަލޭންޑް އޮތީ ހަވަނަ މަގާމްގައެވެ. މިއަދު އިއުލާންކުރި ރޭންކިންގެ ހަތްވަނަ އުރުގުއާއަށް ލިބޭއިރު އަށްވަނަ ލިބެނީ ކޮލަންބިޔާ އަށެވެ. ރޭންކިންގެ ނުވަވަނަ އިޓަލީއަށް ލިބުނުއިރު ދިހަވަނަ ލިބިފައިވަނީ އިންގްލެންޑް އަށެވެ.

ކޮކާކޯލާ ފީފާވޯލްޑް ރޭންކިންގައި ކޮންކާފް ސަރަހައްދުން އެއްވަނަ ލިބެނީ އެމެރިކާ އަށެވެ. އެއީ ވޯލްޑް ރޭންކިން ގެ 13 ވަނަ އެވެ. ދުނިޔޭގެ ރޭންކިންގައި 22 ވަނަ މަގާމާ އެކު އެފްރިކާ ސަރަހައްދުން އެއްވަނަ ލިބެނީ އަލްޖީރިޔާއަށެވެ. 43 ވަަނަ މަގާމާއެކު އޭޝިޔާގެ އެއްވަނަ ރޭންކިން ލިބޭނީ އިރާނަށެވެ. ވޯލްޑްކަޕްގައި ބައިވެރިވާ ޓީމްތަކުގެ ތެރެއިން އެންމެ ދަށް ރޭންކިންގައި އުޅެނީ 62 ވަނަ މަގާމާއެކު އޮސްޓްރޭލިޔާއެވެ.

ކޮކާކޯލާ ފީފާވޯލްޑް ރޭންކިންގައި ގަދަ ދިހައަކުން ގްރީސް ކެޓިއިރު އިންގްލެންޑް ވަނީ ގަދަ ދިހައަކުން ޖާގަ ހޯދާފައެވެ.

ފީފާ ގައި ރަޖިސްޓްރީ ކޮށްގެން ޖުމްލަ 112 މެޗް މިދިޔަމަހު ކުޅުނުއިރު ހަތް މެޗު ކުޅެގެން އެންމެ ގިނަ މެޗު ކުޅުނު ރެކޯޑު ހޯދީ އަފްގާނިސްތާންއެވެ.

މިދިޔަ މަހުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ނިމިގެން ދިޔަ އޭފްސީ ޗެލެންޖްކަޕް ކާމިޔާބުކުރި ފަލަސްތީން އެވެ. 270 ޕޮއިންޓް ގެ ކުރިއެރުމަކާ އެކު ފަލަސްތީންވަނީ ދުނިޔޭގެ ރޭންކިންގެ 71 މަގާމަށް އަރައިފަ އެވެ. މިދިޔަ މަހުގެ ރޭންކިންގެ އެންމެ ގިނަ ޕޮއިންޓް ގެއްލުވައިލީ މިސްރެވެ. އެއީ 83 ޕޮއިންޓް އެވެ. ރޭންކިންގައި އެންމެ ބޮޑަށް ފަހަތަށް ޖެހުނު ޓީމަކީ 15 ދަރަޖަ ފަހަތަށް ޖެހުނު ސައުދީއަރަބިއްޔާ އެވެ.