05 Jun 2014, 23:06
ސައޮ ޕޯލޯ (އޭޕީ) - ބްރެޒިލް ގައުމީ ޓީމްގެ މިޑްފީލްޑަރު އޮސްކާގެ ފުރަތަމަ ދަރިފުޅު އުފަންވާ ވަގުތު އަނބި މީހާއާ އެކު ވަގުތު ހޭދަކުރުމަށް، ޓީމުގެ ޓްރެއިނިން ކޭމްޕު ދޫކޮށް ކުޑަ ދުވަސްކޮޅަކަށް ގެއަށް ގޮސްފިއެވެ.
ބްރެޒިލްގެ ކޯޗް ލުއިސް ފެލިއްޕެ ސްކޮލާރީ ބުނީ، ރިއޯ ޑި ޖެނެއިރޯގެ ބޭރުގައި ވާ ޓްރެއިނިން ކޭމްޕު ދޫކޮށް، ސައޮޕޯލޯގެ އެތެރޭގެ ސިޓީއެއްގައި ދިރިއުޅޭ އާއިލާ ކައިރިއަށް ދިއުމަށް އޮސްކާއަށް ހުއްދަ ދިނީ، ބުދަދުވަހު ކަމަށެވެ.
އިނގިރޭސި ކްލަބް ޗެލްސީގެ ހުނަރުވެރި މިޑްފީލްޑަރު އޮސްކާއާ އޭނާގެ އަންހެނުން ލުދްމިލާއަށް ލިބޭ ފުރަތަމަ ދަރިފުޅަކީ އަންހެން ކުއްޖެއް ކަމަށް ލަފާކުރެވޭ އިރު އެ ކުއްޖާއަށް ކިޔާން ނިންމާފައިވާ ނަމަކީ، ޖޫލިއާ އެވެ.
ސްކޮލާރީ ބުނީ، މިއަދުގެ ވަގުތެއްގައި އޮސްކާ އެނބުރި ޓީމާ ގުޅޭނެ ކަމަށެވެ. އަދި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗުގެ ކުރިން އެޓީމު ކުޅެން ހަމަޖެހިފައިވާ އެންމެ ފަހު މެޗުގައި ހުކުރު ދުވަހު ސާބިއާއާ ދެކޮޅަށް އޮސްކާއަށް ކުޅެވޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ސްކޮލާރީ ބުންޏެވެ.