05 Jun 2014, 21:36
ސައޮ ޕޯލޯ (އޭޕީ) -- ވޯލްޑް ކަޕްގެ ފުރަތަމަ މެޗް ކުޅޭ އެރީނާ ޑި ސައޮ ޕޯލޯ ސްޓޭޑިއަމް އޮންނަ ސަރަހައްދުގެ މަގުތަކުގައި ބްރެޒިލްގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރަމުން ދާތީ، އެސަރަހައްދުގެ ދަތުރުފަތުރު ކުރުމަށް ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ބްރެޒިލް އާއި ކްރޮއޭޝިއާ އެވެ. މެޗްފަށާނީ ރާއްޖެ ގަޑިން އެރޭ 1:00 ގައެވެ.
ގާތް ގަނޑަކަށް 21 މިލިއަން މީހުން ދިރިއުޅޭ ސައޮ ޕޯލޯގެ ސްޓޭޑިއަމް ހުންނަ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ސަބަބުން 3.5 މިލިއަން މީހުންނަށް އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ދަތުރުފަތުރު ކުރުމުގެ ދަތިކަން އާންމުކޮށް ހުންނަވަރަށް ވުރެ މިއަދު ވަނީ ބޮޑުވެފައެވެ. އެކަމާ ގުޅިގެން މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުުން ވެސް ވަނީ ކަންބޮޑު ވުން ފާޅުކޮށްފައެވެ.
ގާތްގަނޑަކަށް 230 މިލިއަން ޕައުންޑް ހަރަދުކޮށްގެން ހަދަމުން ގެންދާ ސައޮ ޕޯލޯ ސްޓޭޑިއަމްގެ މަސައްކަތް އަދިވެސް މުޅިން ނިންމައި ނުލެވޭ އިރު، އެ ސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި އުޅުނު ބްރެޒިލްގެ ގިނަ ބަޔަކަށް ލިބެން ޖެހޭ މުސާރަ ވެސް ލިބިފައި ނުވާކަމަށް ވެއެވެ. އަދި ސައޮ ޕޯލޯގެ މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ އެކަމާ ދެކޮޅަށް ވެސް ނުރުހުން ފާޅުކޮށް އަޑު އުފުލަމުންނެވެ.
ސައޮ ޕޯލޯ ސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި ގާތް ގަނޑަކަށް 6000 މީހުން ހަރަކާތް ތެރިވެފައި ވާއިރު، އެ ސްޓޭޑިއަމް ގައި މުބާރާތުގެ ސެމީގެ އެއް މެޗާއެކު ޖުމްލަ ފަސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.