05 Jun 2014, 21:15
ބައެއް ގައުމުތަކަށް ރާއްޖެއިން ސަފީރުންނާއި، ނޮން-ރެސިޑެންޓް ސަފީރުން އައްޔަނު ކުރެއްވުމަށްޓަކައި، އެބޭފުޅުންގެ ނަންފުޅުތައް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް، އެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްއަށާއި، ކުވައިތަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް އެމްބެސެޑަރު ކަމަށް އައްޔަން ކުރެއްވުމަށް ފޮނުއްވީ މ. ކްރެސްޓްވުޑް އަބްދުﷲ ހަމީދު ކަމަށެވެ.
ބްރަސަލްސްގައި ހުންނަ، ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ފޮނުއްވީ ގ. ސަމަންތާ އަޙްމަދު ޝިޢާން ކަމަށާއި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވުމަށް ގ. ވައިޖެހޭގެއާގޭ ޑރ. މުހައްމަދު އާސިމްގެ ނަންފުޅު ފޮނުއްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ބައެއް ނަންފުޅުތަކަކީ، ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަމަވެސް، އެ މަޖިލީހުގެ އުމުރު ހަމަވިއިރު، އެމަޖިލީހުން ވަކިގޮތެއް ނިންމަވާފައިނުވާތީ، އަނބުރާ އެ މަޖިލީހުން ފޮނުއްވި ނަންތަކެކެވެ.