މެޑިކަލް އިންޝުއަނުކުރާ ބިދޭސީންނަށް މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވޯކް ވީސާ ދޫނުކުރާ ގޮތަށް ހަމަޖައްސާފައިވާ ނަމަވެސް، މިހާރު ރާއްޖޭގައި ތިބި ބިދޭސީން އިންޝުއާކުރުން މާޗް މަހުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފި އެވެ.


ކޮންޓްރޯލޯ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން ވިދާޅުވީ، އަލަށް ރާއްޖެ އެތެރެވާ ބިދޭސީން މެޑިކަލް އިންޝިއުއާ ކުރުން ޖެނުއަރީ އެކަކުން ފެށިގެން ލާޒިމްވާނެ ކަމަށާއި މެޑިކަލް އިންޝުއާ ނުކުރާ ބިދޭސީންނަށް ވޯކް ވިސާ ދޫނުކުރާނެ ކަމަށެވެ.


ނަމަވެސް، މިހާރު ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސީން އިންޝުއަކުރުން ތިން މަސް ދުވަހަށް ފަސްކޮށްފައިވާ ކަމަށާއި އެއްވެސް ސުވާލުކުރުމެއް ނެތި އެމީހުންގެ ވިސާ ފީ މާޗް 31 ގެ ނިޔަލަށް އިމިގްރޭޝަނުން ބަލައިގަންނާނެ ކަމަށެވެ.


އަދި އެގޮތަށް ހަމަޖެއްސީ، މިހާރު ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ ކަންކަން މާ ރަނގަޅަށް އިމިގްރޭޝަނަށް ބެލެހެއްޓިފައި ނުވާތީ، އެމީހުންގެ މެޑިކަލް އިންޝުއަރެންސްގެ ކަންކަން ބެލޭނެ ވަކި ގޮތެއް ހަމަޖެހިފައިނުވާތީ ކަމުގައި އިލްޔާސް ވިދާޅުވި އެވެ.


"ނަމަވެސް އެމީހުންގެ ކަންތައްތައް އިރާދަކުރެއްވިއްޔާ ވަކި ގޮތެއް ހަމަޖައްސާފައި އިއުލާންކުރާނެ" ކަމަށް އިލްޔާސް ވިދާޅުވި އެވެ. "..2011 ގެ ތެރޭގައި އަޅުގަނޑުމެން އާ ސިސްޓަމެއް ގާއިމްކުރާނަން. އިމިގްރޭޝަންގެ ދޮރާށިތައް ދުނިޔެގޭ ފެންވަރަށް ބަލަހައްޓަން ފެށޭނެ. އެހެންވީމަ އަލަށް އަންނަ މީހުންނާ ދޭތެރޭގައި ބޮޑަށް ކަންތައްތައް މިހާރު މިހިރީ ހަމަޖައްސައި، ނިޒާމް ތެރެއަށް ވައްދަމުން މިގެންދަނީ. އައިސް މި ވަށައިޖެހޭއިރުގައި ހުންނާނީ އެ ހުރިހާ މީހުންވެސް ވަދެފައި. ދެން މިތާ ތިބި މީހުން ވެސް ކުރިއަށް އޮތް ތަނުގައި ވިސާ އާކޮށް، ނުވަތަ އެހެން މީހަކަށް ބަދަލުވާ ދަނޑިވަޅު އަންނައިރު އަޅުގަނޑުމެން މިތިބަ ޝަރުތުތައް ގާއިމްކުރާނަން." އިލްޔާސް ވިދާޅުވި އެވެ.


މި ބަދަލުތަކުގެ ސަބަބުން ބައެއް މީހުންނަށް ދަތިވި ކަމުގައި ވިޔަސް މިހާރުއްސުރެ އެކަމަށް ތައްޔާރުވެ، މެޑިކަލް އިންޝުއަކޮށްފައިވާ ބިދޭސީން ހޯދުމަށް، ނުވަތަ މިހާރު ގެންގުޅޭ ބިދޭސީން މެޑިކަލް އިންޝުއާ ކުރުމަށް އޭނާ ގޮވާލެއްވި އެވެ.
އަދި އެކަމުގެ ސަބަބުން މިހާރު ދިމާވަމުންދާ ބިދޭސީންގެ މައްސަލަތައް ކޮންމެވެސް ވަރަކަށް ހައްލުވެ، ބިދޭސީންނަކީ "އިހުތިރާމާއެކު" ރާއްޖެ އެތެރެވެ، ފުރައިގެން ދެވޭނެ ބަޔަކަށް ހެދޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.


 "ވާގޮތަކީ ބިދޭސީންގެ ހައްގުތައް ހިމާޔަތްކޮށްދޭން އެބަޖެހޭ.އެމީހުން އައިސް ބަލިވެ، ފީނުދެއްކި، މިހާރު ރާއްޖެ ބަލައިލިއަސް މިދިޔަ އަހަރުގެ ތެރޭގައި ތިން ލައްކަ ހަތަރު ލައްކަ ވަރަކަށް ރުފިޔާގެ ބިލުތައް އެބަހުރި އަޅާލާނެ ބަޔަކު ނެތިފައި،" އިލްޔާސް ވިދާޅުވި އެވެ.