އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑް ކަޕުގައި ސަޕޯޓަރުންގެ ޖަޒުބާރުގައި ބްރެޒިލް ޓީމު ނުޖެހުމަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބްރެޒިލްގެ ގޯލް ބެލެހެއްޓި މާކޮސް ގޮވާލައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕަށް ނުކުންނަ އިރު، ބްރެޒިލް ކުޅުންތެރިންނަށް ހާސްކަމެއްގައި ކުޅޭ ނަމަ، އެ ޓީމުގެ ކުޅުމަށް އޭގެ އަސަރުތަކެއް ކޮށްފާނެ ކަމަށް މާކޮސް ގަބޫލުކުރެ އެވެ.

ކުރީގެ ގޯލްކީޕަރު ބުނީ، ވޯލްޑް ކަޕުގައި ބްރެޒިލް އަށް އެންމެ އުނދަގޫ މެޗަކަށް ވާނީ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗު ކަމަށެވެ. އެ މެޗުގައި ކުޅުންތެރިންގެ ހާސްކަން ކޮންޓްރޯލް ކުރުމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވެސް މާކޮސް ގަބޫލުކުރެ އެވެ.

މާކޮސް ވަނީ 2002 ވަނަ އަހަރު ދެކުނު ކޮރެއާ އަދި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕުގެ ތަޖުރިބާތައް ކުރުގޮތަކަށް ހިއްސާކޮށްފަ އެވެ. މާކޮސް ބުނީ، އެ މުބާރާތުގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗަށްވުރެ، ފައިނަލުގައި ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗަށް ނުކުތް އިރު، އެ ޓީމު އޮތީ ކުރިއަށްވުރެ ބޮޑަށް ހަމަޖެހިފައި ކަމަށެވެ.

މުބާރާތުގެ ގްރޫޕް އޭގައި އޮތް ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭނީ ކްރޮއޭޝިއާ އާ ދެކޮޅަށެވެ. އެ މެޗަށް މި ދެޓީމު ނުކުންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ފަތިހު 01:00 ގަ އި އެރީނާ ޑި ސައޮ ޕައޮލޯގައެވެ.