ދަރުމަވަންތަ ސްކޫލުގައި އަލަށް ކަބް ސްކައުޓާއި ލިޓިލް މެއިޑް ތައާރަފްކޮށް، އެ ދެ ހަރަކާތަށް އަލަށް ވަތް ކުދިން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ދަރުމަވަންތަ ސްކޫލުގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލްގެ ސްކައުޓް ގްރޫޕަށް ވަނީ އަލަށް 122 ކުއްޖަކު ގުޅިފަ އެވެ. އެ ހުރިހާ ކުދިންނަށް ކަބް ސްކައުޓްގެ ހުވާ ލައިދިނީ، އަރަބިއްޔާ ސްކައުޓް ގްރޫޕްގެ ކަބް ސްކައުޓް ލީޑަރު ފާތިމަތު މީނާޒެވެ.

އަލަށް ދަރުމަވަންތަ ސްކައުޓް ގްރޫޕާއި ގުޅުނު ދަރިވަރުންނަށް ގްރޫޕް ސްކާފް ހަވާލުކޮށްދެއްވީ، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކޮމިޝަނަރު އަހްމަދު އަލި މަނިކް (ކެނެޑީ) އާއި ދަރުމަވަންތަ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ދީދީގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލް އާމިނަތު ވަސީލާ އާއި އައިޝަތު ޝިހާމާ އެވެ.

ދަރުމަވަންތަ ސްކޫލުގެ ލިޓިލް މެއިޑަށް އަލަށް އިއްޔެ ގުޅިފައިވަނީ 67 ދަރިވަރެކެވެ. އެގޮތުން އެކުދިންގެ ހުވާކުރުމުގެ ރަސްމިއްޔާތުވެސް އިއްޔެ ހެނދުނު އެ ސްކޫލުގައި ބާއްވާފައިވާއިރު، އެ ކުދިންނަށް ހުވާ ލައިދިނީ،
ލިޓިލް މެއިޑް ކޮމިޝަނަރުން ކަމަށްވާ އަމިނަތު ނައީމް އާއި މެޑޯނާ ފެނާންޑެންސް އެވެ.

ދަރުމަވަންތަ ސްކޫލުގައި ގްރޭޑް 1 އިން ފެށިގެން ކިޔަވައިދޭން ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. ދަރުމަވަންތަ ސްކޫލުގެ ސްކައުޓް ގްރޫޕުގައި މިހާރު 25 ސްކައުޓުން ހަރަކާތްތެރިވެ އެވެ.