05 Jun 2014, 20:37
ސައޮ ޕޯލޯ (އޭޕީ) - ބްރެޒިލަށް ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށްޓަކައި ގިނަ އަދެއްގެ ސަޕޯޓަރުން އެކި ގައުމުތަކުން ޖަމާވަމުން ދާއިރު، ސަޕޯޓަރުންނަށް ދަނޑަށް ނުވެއްދޭނެ ތަކެތީގެ ލިސްޓެއް ފީފާއިން އާންމު ކޮށްފިއެވެ.
ބްރެޒިލްގައި އަންނަ ބުރާސްފަތި ދުވަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ 12 ދަނޑަށް މެޗުތައް ބަލަން ވަންނަ ސަޕޯޓަރުންނަށް ދަނޑަށް ނުވެއްދޭ ތަކެތީގެ ތެރޭގައި ފަޔަވޯކްސް، ކާތަކެއްޗާއި ތައްޔާރީ ބުއިމުގެ ބާވަތްތަކާއި، ބޮޑެތި ބެނާ ފަދަ ތަކެތި ހިމެނެއެވެ.
ފީފާއިން ވަނީ، "ސްޓޭޑިއަމް ކޯޑް އޮފް ކޮންޑަކްޓް"ގެ ނަމުގައި މުބާރާތުގެ މެޗުތަށް ކުޅޭ ދަނޑުތަކަށް ނުވެއްދޭނެ ތަކެތީގެ ދިގު ލިސްޓެއް އާންމު ކޮށްފައެވެ.
ބްރެޒިލްގެ ސަޕޯޓަރުން ވަނީ، އެމީހުންގެ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން، ގާތްގަނޑަކަށް 8000 އަކަމީޓަރު، (8600 އަކަފޫޓު) ހުންނަވަރުގެ ބޮޑު ދިދައެއް ތައްޔާރުކޮށްފައެވެ. އެހެން ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް މެޗުތަކަށް ބޮޑެތި ބެނާ ފަދަ ތަކެތި ނުވެއްދޭ ގޮތަށް ފީފާއިން ހަމަޖައްސާފައި ވާ އިރު، ދަނޑަށް ވެއްދޭނީ، އެންމެ ބޮޑުވެގެން ތިން އަކަ މީޓަރު (23 އަކަ ފޫޓު) ހުންނަ ވަރުގެ ދިދައާއި ބެނާ ފަދަ ތަކެއްޗެވެ.
މިފަހަރު ކުޅިބަލަން ދަނޑަށް ވަންނަ މީހުން، ދަނޑުގައި ކެއުމަށާއި ބުއިމަށް ބޭނުންވާ ތަކެތި ގަންނަން ޖެހޭނީ ދަނޑުތަކުގައި އެކަމަށް ހާއްސަކޮށްފައި ހުންނަ ސްޓޯލް ތަކުންނެވެ. އަދި ބޮލަށް އުނދަގޫވާފަދަ ގަދަފަދަ އަޑުތައް ނެރޭ އިންސްޓްރޫމަންޓް ތައް ދަނޑަށް ވެއްދުން މަނާކޮށްފައި ވާ އިރު އޭގެ ތެރޭގައި މެގަފޯން، ދުންމާރި ނުވަތަ ވުވުޒެލާއާއި ބަރުގޮނު ފަދަ ތަކެތި ހިމެނެ އެވެ.
ވޯލްޑް ކަޕް ފެށެން ކުޑަތަން ވެފައިވާ އިރު، މިފަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލް ސަރުކާރުން އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ހަރުދުކޮށްފައި ވާ ކަމަށް ބުނެ، އެގައުމުގައި އެތަކެއް ހާސް ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.