05 Jun 2014, 19:49
އެމްއެންޑީއެފް އާއި ޔޫއެސް ޕެސިފިކް ކޮމާންޑް ގުޅިގެން ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތިމާވެށީގެ ބައްދަލުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަށް ގައުމުތަށް ހޭލުންތެރި ވާނެ ކަމަށާއި އެކަމުގެ ފައިދާ މުޅި ދެކުނު އޭޝިއާގެ ގައުމުތަކަށް ވެސް ކުރާނެކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
"ސައުތު އޭޝިއާ ރީޖަނަލް އެންވަޔަރަންމެންޓަލް ސެކިއުރިޓީ ފޯރަމް" ނިންމާލުމަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން އެ ފޯރަމްގައި މަޝްވަރާކޮށްފައި ވާއިރު އެފަދަ ކަންކަމަށް އޮތް އަވަސް ހައްލަކީ ކޮބައިކަން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެ ބައްދަލުވުމުގެ ސަބަބުން ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުތަކަށް މުޅި ދެކުނު އޭޝިއާގެ ގައުމުތަށް ހޭލާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
"މިއީ ވަރަށް ފުރިހަމަ ބައްދަލުވުމެއް. ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކާ އެނޫންވެސް ތިމާވެއްޓާ ގުޅުންހުރި ގިނަ ދާއިރާތަކަކުން ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފައި ވުމުން މޫސުމަށް އަންނަ ބަދަލުތަކަށް ވެސް މުޅި ދެކުނު އޭޝިއާގެ ގައުމުތަށް ހޭލާނެ." މިނިސްޓަރ ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރ ނާޒިމް ވިދާޅުވީ ފާއިތުވެ ދިޔަ ގިނަ އަހަރުތަކެއްގައި ދުނިޔޭގައި ބޭއްވި ގިނަ ތިމާވެށީގެ ބައްދަލުވުން ތަކެއްގައި ރާއްޖެ ބައިވެރިވެފައި ވާނެ ކަމަށާއި އެ ބައްދަލުވުން ތަކުގައި ވެސް މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިވުމަށް ރާއްޖެއިން އަޑުއުފުލާފައިވާ ކަމަށެވެ. އެގޮތުން އެ ބައްދަލުވުން ތަކުގައި ދުނިޔެ ހޫނުވުމުގެ ސަބަބުތަށް މަދުކުރުމަށާއި އެފަދަ މައްސަލަތަކުން ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ދިމާވެދާނެ ނުރައްކާތަކަށް ހޭލުންތެރި ވުމަށް އަޑުއުފުލާފައި ވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"ދުނިޔޭގެ ފެންވަރުގައި ބޭއްވި ގިނަ ބައްދަލުވުން ތަކެއްގައި ރާއްޖެ ބައިވެރިވެފައި ވާނެ. ދުނިޔެ ހޫނުވުމުން ދިމާވެދާނެ ނުރައްކާތަކަށް ހޭލުންތެރި ކުރުވާ އެކަން ހައްލުކުރުމަށް އަޑު އުފުލާފަ ވާނެ. މި ފޯރަމްގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ދުނިޔެ ހޫނުވުން ފަދަ ކަންކަމާ މެދު،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކަކީ މިއަދު އެންމެންވެސް ސަމާލުވާން ޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ސަރަހައްދީ ގައުމުތަކުގެ ރައްޔިތުންނަށް ސާފު އަދި ރައްކާތެރި ފެން ލިބިދިނުމުގެ އިތުރުން ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭނެ ނިޒާމް ހަރުދަނާ ކުރުމާ ބެހޭގޮތުން ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަންނީ މާހިރުން ވަނީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.