ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މުޒާހަރާ ކުރި ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ސަފު ފޫއަޅުވާލި ޕިކަޕްގެ ޑްރައިވަރު 3000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ފުރަތަމަ ރިޔާސީ ބަޔާނަށް ހުރަސް އެޅުމުގެ ގޮތުން 2012 ވަނަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން، އަލިކިލޭގެފާނު މަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި ސަފަކަށް އެތުރިގެން ތިބި ފުލުހުންގެ ސަފު ފޫއަޅުވާލާފައި ވަނީ މާލޭ ދަފްތަރު 6372 މުހައްމަދު ސަލީމެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ފުލުހުންގެ ސަފުތެރެއަށް މުހައްމަދު ސަލީމް ޕިކަޕުގައި ވަދެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާކަން އެވަގުތު އެތަނުގައި ތިބި ފުލުހުންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފަ އެވެ.