05 Jun 2014, 17:50
މި ސީޒަންގެ "ދިވެހި ލީގް" ހުޅުވާ މެޗުގައި މިދިޔަ ސީޒަންގެ އެންމެ ކާމިޔާބު ކުލަބް ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރާ ގޮތައް ހަމަޖެހިއްޖެ އެވެ.
ދިވެހި ލީގު ހުޅުވާ މެޗު ކުޅޭނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި އޭވައިއެލް އިން ލީގު ނިންމާލީ ހަތަރު ވަނަ މަގާމް ގައި އޮވެގެންވެ. ނިއުއިން ލީގް ނިއްމާލީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެއް ވަނަ މަގާމް ގައި އޮވެގެންނެވެ.
އެފްއޭއެމް އިން ބުނީ، މިދިޔަ ސީޒަންގެ ދިވެހި ލީގް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން ސްޕޮންސާ ކޮށްގެން "ދިރާގް ދިވެހި" ލީގުގެ ނަމުގައި ކަމަށްވީ ނަމަވެސް މިފަހަރު ދިވެހި ލީގުގައި ސްޕޮންސާ ކުރާނެ ފަރާތެއް އަދި ފައިނަލް ވެފައި ނުވުމުން މުބާރާތް ސްޕޮންސާ ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެފްއޭއެމްއިން ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މުބާރާތުގެ މެއިން ސްޕޮންސަރަކީ ކޮން ފަރާތެއްކަން ޔަގީން ކުރެވޭނެ ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ.
މިއަހަރުގެ ދިވެހި ލީގުގައި އަށް ޓީމު ވާދަކުރާ އިރު އެޓީމް ތަކަކީ، ނިމިދިޔަ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރި ނިއުރޭޑިއަންޓާއި މާޒިޔާ އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އާއި އީގަލްސް އާއި އޭވައިއެލްގެ އިތުރުން މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކްލަބެވެ.