ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ބައިނަލްއަގްވަމީ ރަހުމަތްތެރިކަމުގެ މެޗުތަކުން އިޓިލީ އާއި އިނގިރޭސިން އެއްވަރުވެ، އާޖެންޓީނާއިން އަމިއްލަ ގައުމުގައި ބަލިނުވެ ހިފަހައްޓަމަން އައި ރެކޯޑް ދަމަހައްޓައިފި އެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާ ކުޅުނު ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުން ޓިރްނިޑާޑް އެންޑް ޓޮބޭގޯ އަތުން މޮޅުވީ 0-3 ލަނޑުންނެވެ. އަދި ލަގްސަންބާގްއާ ދެކޮޅަށް ރޭ އިޓަލީ 1-1 ލަނޑުން އެއްވަރުވި އިރު، އިކުއެޑޯއާ ދެކޮޅަށް ކުޅެ އިނގިރޭސިން އެއްވަރުވީ 2-2 ލަނޑުންނެވެ.

ބޮއެނެސް އައިރޭސްގަ ކުޅެވުނު މި މެޗުގެ ފުރަތަމަ ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޭންޖެލް ޑި މަރިޔާ ދިން ބޯޅައަކުން ޕަލާސިއޯ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ހާވިއާ މަޝެރާނޯ އާޖެންޓީނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، މެޗުގެ 64 ވަނަ މިނެޓްގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެކްސީ ރޮޑްރިގޭޒް އެވެ.

އާޖެންޓީނާގެ ވޯލްޑްކަޕް ތައްޔާރުވުގެ ގޮތުން ކުޅޭ އެންމެ ފަހު މެޗްގަ އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ އަމިއްލަ ގައުމަގައި ލަޕްލާތާގަ ސްލޮވޭނިއާ އާ ދެކޮޅަށެވެ.

އިޓަލީގަ ވެރޯނާގަ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ އިޓަލީ އިންނެވެ. މެޗުގެ 9 ވަނަ މިނެޓްގަ އެ ޓީމަށް ލީޑު ނަގައިދިނީ މާރިއޯ ބަލޮޓެލީ ދިން ބޯޅައަކުން ކްލައުޑިއޯ މަކީސިއޯ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް ލަގްސަންބާގަށް ނަތީޖާ ހަމަހަމަކޮށްދިނީ މެކްސިމް ޗަނޮޓް އެވެ.

ފްލޮރިޑާގެ މައަމީ ގާރޑަންގަ ރޭ އިނގިރޭސިން ކުޅުނު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ އިކުއުޑޯއިންނެވެ. މެޗުގެ އަށްވަނަ މިނެޓްގައި އިކުއެޑޯގެ އެ ލަނޑު ކާމިޔާބުކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ އެންޓޯނިއޯ ވެލެންސިއާ އެވެ. މެޗުގެ 29 ވަނަ މިނެޓްގައި އިނގިރޭސިންނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވޭން ރޫނީ އެވެ.

ފުރަތަމަ ފަހަރަށް އިނގިރޭސިންނަށް ލީޑު ހޯދައިދިނީ ދާދި ފަހުން ލިވަޕޫލްއާ ގުޅުނު ފޯވަޑް ރިކީ ލެމްބާޓް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 51 ވަނަ މިނެޓްގަ އެވެ. މެޗުގެ 70 ވަނަ މިނެޓްގައި ވެލެންސިއާ ދިން ބޯޅައަކުން އިކުއެޑޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މައިކަލް އަރޯޔޯ އެވެ.

މި މެޗުގެ 79 މިނިޓްގަ ރެފްރީ ވަނީ އިނގިރޭސިވިލާތުގެ ރަހީމް ސްޓާލިން އާއި އިކުއިޑޯގެ ވެލެންސިއާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މި މެޗުގައި އިނގިރޭސި ޓީމުގެ ޗެންބަލިން އަށް އަނިޔާވެގެން ބަދަލުކޮށްފައި ވާއިރު، އޭނާ އަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން އެނގޭނީ ސްކޭން ކުރުމަށްފަހު ކަމަށް އިންގްލަންޑް ކޯޗު ރޯއީ ހޮޖްސަން ބުނެފައި ވެއެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އިނގިރޭސިންނާއި އިޓަލީ ބައްދަލުކުރާނީ މިމަހުގަ 15 ވަނަ ދުވަހު އެވެ. އިޓަލީ އާއި އިނގިރޭސިން ހިމެނޭ ގްރޫޕް ޑީގައި ދެން ހިމެނެނީ ޔުރުގުއާއީ އާއި ކޮސްޓަ ރިކާ އެވެ.