އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ގެސްޓު ހައުސްއަކަށް ގޮސް އެ ކުއްޖާއާ ޖިންސީ އަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މ. އޮމެގާ، މޫސާ މުހައްމަދުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެ ދައުވާ އަށް މޫސާ މުހައްމަދު އިންކާރު ކުރިނަމަވެސް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އޭނާ މަލޭގެ ގެސްޓު ހައުސްއަކަށް 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ދިޔަކަން އޭނާގެ އިއުތިރާފުން އެނގެން އޮންނަ ކަމަށެވެ.

ގެސްޓު ހައުސްއަށް ދިޔަކަން އޭނާގެ އިއުތިރާފުން އެނގެން އޮންނަ އިރު، 16 އަހަރުގެ އަންހެން ކުއްޖާއާ އެކު އޭނާ ގެސްޓުހައުސްގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ. އަދި އެ އަންހެން ކުއްޖާ އަށް ޖިންސީ ގޮތުން ގޯނާވެފައިވާކަން މެޑިކަލް ލީގަލް ރިކޯޑުން އެނގެން އޮންނާތީ އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.

"ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް، 16 އަހަރުގެ އަންހެން ކުއްޖާ އާމެދު މޫސާ މުހައްމަދު ބަދުއަޚްލާގީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވާތީ، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުން މޫސާ މުހައްމަދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ އުގޫބާތެއްގެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުން މާލެ ، މ. އޮމެގާ މޫސާ މުހައްމަދު، 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީ އެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.