03 Jan 2011, 12:00
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ މެންބަރު ޢާއިޝަތު ވެލެޒިނީއަށް މިއަދު ދިން ޙަމަލާ، ވަޒީރުންގެ މަޖިލީހުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފި އެވެ. މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރިކުރައްވައި، މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދައްކަވަމުން، މިކަން ވަރަށް ރަނގަޅަށް ތަޙުޤީޤުކޮށް، މި ޢަމަލު ހިންގި ބަޔަކު އިންޞާފުގެ ކުރިމައްޗަށް ގެނެސް، އެބަޔަކަށް ޙައްޤު އަދަބުދެވެން ޖެހޭނެ ކަމުގައި ވިދާޅުވި އެވެ. އަދި މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްޞަ މަސައްކަތްތަކެއް ފެށްޓެވުމުގެ މުހިންމުކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢާއިޝަތު ވެލެޒިނީއަށް ބަޔަކު ވަޅިން ޙަމަލާދިން ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އޭނާގެ ހާލު ބައްލަވާލެއްވުމަށް އެވަގުތު އައި.ޖީ،އެމް.އެޗް.އަށް ވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ސަރުކާރުން ފުރްޞަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މި ޢަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 2011 ވަނަ އަހަރުގެ ބަޖެޓް ތަންފީޒު ކުރެއްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި، އެކަމުގެ މަޢްލޫމާތު ދެއްވުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލެއްވި އެވެ. އަދި އެކޮމިޓީން ނިންމަވާ ގޮތެއްގެ މަތިން، މަޢްލޫމާތު ދެއްވުމުގެ ޕްރޮގްރާމްތައް ހިންގެވުމަށް ކަނޑައެޅުއްވިއެވެ.