05 Jun 2014, 16:46
މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބެހުމުގައި ހިޔާލު ތަފާތުވެފައިވާ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތައް ހައްލެއް ނުލިބި މިއަދުގެ ބައްދަލުވުން ނިންމާލައިފި އެވެ.
ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކޮމެޓީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި މައްސަލަ ހައްލު ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހުށަހެޅުމަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް ރިޔާސަތުން އެ ހުށަހެޅުމަށް ވޯޓަށް އައްސަވާފަ ނުވެ އެވެ.
ދާއިމީ ކޮމެޓީތަކުގެ ތެރެއިން އެއްބަސްވުމަކަށް ނާދެވި މައްސަލަ ބޮޑުވެފައި މިހާރު އޮތީ ދެ ކޮމެޓީއެއްގެ އެވެ. އެއީ އިގުތިސާދީ ކޮމެޓީގަ އާއި މާލިޔަތު ކޮމެޓީގަ އެވެ. ކޮމެޓީއެއްގައި ތިއްބަވަން ޖެހޭ މެމްބަރުންގެ އަދަދަކީ 11 ކަމުގައިވާއިރު އެ ދެ ކޮމެޓީތަކަށް ޕާޓީތަކުގެ ސުލޮޓް ބަހާލުމުން 12 އަށް ކޮމެޓީގެ މެމްބަރުންގެ އަދަދު އަރަަ އެވެ.
ގާސިމްގެ ހުށަހެޅުމުގައި ވަނީ އިގުތިސާދީ ކޮމެޓީގައި އެމްޑީޕީގެ ހަތަރު މެމްބަރުން ތިއްބެވުމުގެ ބަދަލު އެ ކޮމެޓީ އެ ޕާޓީގެ ތިން މެމްބަރުން ތިއްބެވުމަށެވެ. އަދި ޕެޓިޝަން ކޮމެޓީގައި ހަތަރު މެންބަރުން ތިއްބުމަށެވެ. ހަމަ އެހެންމެ އިގުތިސާދީ ކޮމެޓީގައި ޕީޕީއެމްގެ ފަސް މެމްބަރުން ތިއްބެވުމުގެ ބައްދަލުގައި ހަތަރު މެމްބަރުން ތިއްބެވުމަށްފަހު ޕެޓިޝަން ކޮމެޓީ ކޮމެޓީގައި ފަސް މެމްބަރުން ހިމެނުމަށެވެ. އޭރުން ޕެޓިޝަން ކޮމެޓީ އަށް 11 މެމްބަރުން ހަމަވެ، އިގުތިސާދީ ކޮމެޓީ އާއި މާލިޔަތު ކޮމެޓީއަށް މެމްބަރުން ހަމަވެ އެވެ.
އެ ހުށަހެޅުމަށް އަދާލަތު ޕާޓީގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނަރާ ނައީމް ވަނީ ތާއިދު ކުރައްވާފަ އެވެ. ނަމަވެސް އެ ހުށަހެޅުމަށް އިތުރަށް ޕާޓީގެ އިސްވެރިންނާއި މަޝްވަރާކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ ކޮމެޓީ މެދުކަނޑާލެއްވި އެވެ. އަދި އޭގެ ފަހުގައި ވެސް އިތުރަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެ އެ ހުށަހެޅުމަށް ކޮމެޓީގެ މުއައްރިރު އަދި ޕީޕީއެމްގެ ޕާލަމެންޓް ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒު ރަޝީދު ވޯޓަށް އައްސަވާފަނުވެ އެވެ.
ނަމަވެސް ކޮމެޓީގެ އަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ވޯޓަށް އަހަން ގާސިމް ގެންދެވީ ތަކުރާރުކޮން އެދެމުންނެވެ.
މިއަދު މެންދުރުފަހު ބޭއްވި ކޮމެޓީ ބައްދަލުވުން ދޮޅުގަޑި އިރަށް ދިގުދެމިގެން ދިއުމަށްފަހު ބައްދަލުވުން ނިންމާލީ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާތީ ކަމަށް ވިދާޅުވުމަށްފަހުގަ އެވެ. އަދި ކޮމެޓީ ނިންމަވާލެއްވުމުގެ ކުޑަ އިރުކޮޅެއް ކުރިން މެދުހެންވޭރު ދާއިރާގެ އެމްޑީޕީ، މެންބަރު އަލީ އާޒިމާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ކޮމެޓީގެ ވަގުތު ހަމަވެފައިވާތީ ކޮމެޓީ ދޫކުރައްވާ ވަޑައިގެންފަ އެވެ.
ކޮމެޓީތަކުގެ މައްސަލައަށް ހައްލު ގެނައުމަށް ހުށަހެޅި ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އަހާފައިނުވި ނަމަވެސް މިއަދު ހެނދުނު ބޭއްވި ކޮމެޓީ ބައްދަލުވުން ނިންމަވާލައްވަމުން ކޮމެޓީގެ މުއައްރިރު ރިޔާޒް ރަޝީދު ވިދާޅުވީ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި މިއަދު މެންދުރުފަހު ބާއްވާ ބައްދަލުވުމުގައި ކޮންމެ ވެސް ގޮތަކަށް އެ މައްސަލަ ނިންމާނެ ކަމަށެވެ. އަދި މަޝްވަރާ ކޮށްގެން ގޮތެއް ނުނިމިއްޖެ ނަމަ ވޯޓުން ނަގައިގެން ނަމަވެސް "ކޮޅެއްގައި ޖައްސަ"ވާނެ ކަމަށެވެ.
މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމެޓީތަކުގައި މެމްބަރުން ހިމަނާނެ އަދަދާމެދު ހުރިހާ ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ވެސް އެއްބަސްވުމަކަށް ވަނީ އާދެވިފައިވެ އެވެ. ނަމަވެސް މައްސަލަ ކުރިމަތިވަނީ ބައެއް ކޮމެޓީތަކަށް މެމްބަރުން އިތުރުވާ މައްސަލަ އެވެ. އަދި ބައެއް ކޮމެޓީތަކުގައި ތިއްބަން ޖެހޭ އަދަދަށް މެމްބަރުން މަދުވެ އެވެ. ކޮމެޓީއެއްގައި ތިއްބަވަން ޖެހޭ 11 މެމްބަރުނަށް ވުރެ ހަތަރު ކޮމެޓީއެއް އޮއްވަ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީން ވަނީ އިއްޔެ ވަނީ ދޫދިފަ އެވެ. އެ ދެ ޕާޓީން ވެސް ވަނީ މެމްބަރުން އިތުރުވާ ދެ ކޮމެޓީއެއްގައި ތިއްބެވި އެ ޕާޓީގެ މެމްބަރުން އެހެން ކޮމެޓީތަކަށް ގެންގޮސް ދެ ކޮމެޓީއެއްގެ މައްސަލަ ހައްލުކޮށްދޭން އެއްބަސްވެފަ އެވެ. އެހެން ކަމުން މިހާރު 12 މެމްބަރުން ތިބި ދެ ކޮމެޓީގެ މައްސަލަ ހައްލުކޮށްދޭން ވަނީ އެމްޑީޕީ އާއި ޕީޕީއެމް އާއި އެމްޑީއޭއިން ކަމަށް ޖޭޕީން ބުނެ އެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުން ނިންމަވާލެއްވީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އިތުރަށް މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދެ ކޮމެޓީ ބާއްވާނެ ދުވަހެއް ރިޔާސަތުން އިއުލާނެއް ނުކުރެ އެވެ.