05 Jun 2014, 16:39
މިދިޔަ ސީޒަންގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު މިޑްފީލްޑަރު މުހުތާރު ނަސީރު (ޓޫކިލޯ) އާއި ގާނާގެ ޑިފެންޑަރު ޖޮނަތަން ކުއާޓޭ ދޫކޮށްލުމަށްފަހު، ބިދޭސީ ތިން ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ނިއު އިން ފަށައިފި އެވެ.
ނިއުގެ ޑިރެކްޓާ އޮފް ފުޓްބޯލް އަންވަރު އަލީ 'ސަން' އަށް މިއަދު ވިދާޅުވީ، އެ ކުލަބުން ޓޫކިލޯ ދޫކޮށްލީ އޭނާގެ އެދުމުގެ މަތިން ކަމަށެވެ. އަދި ގާނާގެ ޑިފެންޑަރު ދޫކޮށްލީ އޭނަގެ ފަރާތުން އެންމެ އެދެވޭ ވަރުގެ ކުޅުމެއް ފެނިފައި ނުވާތީވެ ކަމަށް އަންވަރު ވިދާޅުވި އެވެ.
އެ ދެ ކުޅުންތެރިން ދޫކޮށްލުމަށްފަހު، ކުލަބުން ހޯދަން މަސައްކަތް ފަށާފައި ވަނީ ބިދޭސީ ފޯވާޑަކާއި ބިދޭސީ މިޑްފީލްޑަރެއްގެ އިތުރުން ބިދެސީ ޑިފެންޑަރެކެވެ.
"ޓޫކިލޯ އާއި ގާނާގެ ޑިފެންޑަރު ކުލަބުން ދޫކޮށްލައިފިން. މިހާރު މަސައްކަތް މިކުރަނީ ބިދޭސީ ތިން ކުޅުންތެރިއަކު ހޯދުމަށް. އެކުޅުންތެރިންނަކީ ކޮން ގައުމެއްގެ ކުޅުންތެރިންކަން މިއަދު ފައިނަލް ކުރެވޭނެ،" އަންވަރު ވިދާޅުވި އެވެ.
ބިދޭސީ ތިން ކުޅުންތެރިއަކު ހޯދުމުގެ އިތުރުން ނިއުއިން އަންނަނީ އެކުލަބަށް ކޯޗަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް ނިއުއަށް ގެންނަން ނިންމާފައި ވަނީ ކޮންގައުމެއްގެ ކޯޗެއް ކަމެއް އެކުލަބުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުއިން ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާފައި މިވަނީ އެކުލަބުގެ ކޯޗް ކަމުގެ މަގާމްގައި ހުރި އިނގިރޭސިވިލާތުގެ ސައިމަން މެކްމެނެމީގެ ކޮންޓްރެކްޓް ހަމަވުމުން ކޯޗް ކަމުގެ މަގާމު މިދިޔަ މަހު ހުސްވުމުންނެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއާ ހަވާލުވި އެންމެ ފުރަތަމަ ކޯޗަކީ ސްޕެއިނުގެ އަންހެލް ޕެރޭޒް ގާސިއާ އެވެ. އޭނަ ވެސް ނިއުގެ ކޯޗް ކަމާ ހަވާލުވިތާ ދެ މަސް ދުވަސް ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ހުސްވި ފުޓްބޯޅަ ސީޒަނުގައި ނިއުގެ ކޯޗަކަށް ގެނައި ވެލީޒާ ޕޮޕޯވް ވަކިވެ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަދި އެކުލަބުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގް މެލޭޝިއާގެ ޕީޑީއާރްއެމް އާއި ގުޅުމުން ނިއު އަށް އަދި މިސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހޯދިފައެއް ނުވެ އެވެ.