އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ނިންމި ނިންމުން އަނބުރާ ގެނެއުމަށް ޖަމިއްޔަތުލް ސަލަފުން ސަރުކާރަށް ގޮވާލައިފި އެވެ.

އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ރާއްޖެ އިން ބައިވެރިވުމަށް އެއްބަސްވުމުން ސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އދ.ގެ ހަނގުރާމަވެރި ލަޝްކަރުތަކުން މުސްލިމުންނާ އިދިކޮޅަށް ހަރަކާތްތެރި ވާންޖެހޭނެކަމީ ތާރީހުން ފެންނަން އޮތް ކަމެއް ކަމަށެވެ.

އދ.ގެ ފައުޖުގައި ދިވެހިން ހިމެނިފައި ވުމުން މުސްލިމުންނާ ދެކޮޅަށް ކުރެވޭ ކަންކަމުގައި އަސްކަރީ ގޮތުން ވެސް ބައިވެރިވެގެންދިއުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހިމެނިގެންދާނީ "ދިވެހި އިސްލާމީ ތާރީހުގައި ފާހަގަކުރެވޭނޭ ގެއްލުން ހުރި ބިރުވެރި ދުވަސްތަކުގެ" ތެރެއިން ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިއީ ދިވެހި ގާނޫނުގެ ދަށުން ވެސް ހުއްދަ ކުރެވިގެން ވާނޭ ކަމެއް ނޫނެވެ. މި ޖަމިއްޔާ އިން އެކަމާ އިންކާރުކުރާ ހާލު އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ރާއްޖޭގެ އެންމެހާ މަސްއޫލުވެރި މަޤާމްތަކުގައި ތިއްބެވި ވެރީން މާތްﷲ އަށް ބިރުވެތިވެ، އދ.ގެ ޚަބަރު ނޭގޭ ލަޝްކަރުތަކުގައި ދިވެހި މުސްލިމް ފަޥްޖީން ބައިވެރިކުރުވަން ނިންމި ނިންމުން އަނބުރާ ގެނެސްގަތުމަށް ޑިފެންސް މިނިސްޓަރަށާއި ރައްޔިތުން މަޖިލީހަށާއި އަދި ރައީސުލްޖުމްހޫރިއްޔާ އަށް އިލްތިމާސްކުރަމެވެ،" ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަނގުރާމަ ކުރާއިރު ހައްގަކީ އަދި ބާތިލަކީ ވެސް ކޮބައިތޯ ބަލާނުލައި ތިމާގެ ގައުމު ހަނގުރާމަކުރާތީ ނުވަތަ ތިމާގެ ޖަމާއަތް ކަމުގައިވާތީ ތާއީދުކޮށް ކޮޅުގަދަކުރާން ހަނގުރާމަކުރުމަކީ އަސަބިއްޔަތަށް ކުރެވޭ ހަނގުރާމައެއް ކަމަށް އިޝާރާތްކޮށް ބަޔާނުގައި ބުނެފައި ވަނީ، ދުނިޔޭގެ އެކިއެކި ކަންކޮޅު ތަކުގައި މުސްލިމުންނާ އިދިކޮޅަށް ކުރެވޭ ހަނގުރާމަތަކަކީ މަގުބޫލު އެއްވެސް ހުއްޖަތެއް ނެތި ހަމައެކަނި މުސްލިމުން ކަމުގައިވީތީ، ކުރެވެމުންދާ ހަނގުރާމަތަކެއް ކަމަށެވެ.

މުސްލިމުންނަށްވެ ތިބެ، މުސްލިމް ގައުމުތަކާ ދެކޮޅަށް ހައްގަކާނުލައި އަނިޔާވެރިކަމާ އެކު ހަނގުރާމަކޮށް، މުސްލިމުންނަށް ނިކަމެތިވާފަދަ އެއްވެސް ކަމެއް މަޖުބޫރުވެގެންވިޔަސް ކުރުމަކީ އިސްލާމްދީނުގެ މަސްލަޙަތުން ބޭރު ކަންތައްތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މުސްލިމުންނާއި ދެކޮޅަށް ކާފަރުންނަށް އެހީތެރިވެ ހަނގުރާމައިގައި ކާފަރުންގެ ކޮޅުގައި ހުރެ މުސްލިމުންނާ ދެކޮޅަށް ބައިވެރިވެއްޖެ މީހާއީ އިސްލާމްދީނުގެ ހަފޮޅުން ބޭރުވެ މުރުތައްދު ވެއްޖެ މީހަކު ކަމުގައި މުޅި އިސްލާމީ އުއްމަތްވަނީ އިއްތިފާގުވެފަ އެވެ. ހަމައެހެންމެ، މަޖްބޫރުވެގެންވިޔަސް އިިސްލާމުންނާއި އިދިކޮޅަށް ކާފަރުންގެ ލަޝްކަރާ އެކު ނިކުމެ ހަނގުރާމަކޮށްފިމީހާއާ މެދު ވެސް ޢަމަލުކުރެވޭން އޮތީ އޭނާގެ އެކުވެރި ކާފަރުބައިވެރީންނާމެދު އަމަލުކުރެވޭ ބީދައިންނެވެ."

މީގެ އިތުރުން ދިވެހި މުސްލިމަކު ކާފަރުންގެ ޖަމާއަތެއްގެ ތެރޭގައި ވެގޮސް، ޖާހިލިއްޔަ މަރަކުން މަރުވެއްޖެ ނަމަ ދެން އެމީހަކަށް އެކުރިމަތިވީ ދުނިޔެއާއި އާހިރަތުގައި ވެސް ނާކާމިޔާބީއާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހިރާއްޖެ އިން ބައިވެރިވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އދ. އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކުރެވުނު އެ އެއްބަސްވުމުގެ ދަށުން އދ.ގެ މިޝަންތަކުގައި ދިވެހި ރާއްޖޭގެ ފަރާތުން މިލިޓަރީ އޮބްޒާވަރުންނާއި އިންފެންޓްރީ ޕްލެޓޫނެއް ބައިވެރި ކުރެވިދާނެ ކަމަށް ހިމަނާފައިވާ އިރު، އދ.ގެ ޕީސްކީޕިންގ އޮޕަރޭޝަންސްތަކުގައި ދިވެހި ރާއްޖެ އިން އަމަލީ ގޮތުން ބައިވެރި ވާނީ ދިވެހި ސަރުކާރުން އެ ފަދައިން ކަނޑައެޅުމުންނެވެ.