05 Jun 2014, 16:09
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދަރިކަލެއްގެ ގިނަ އަދަދެއްގެ ފައިސާތަކަކަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ޚިޔާނާތުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ސ. ހިތަދޫ އަނބުގަސްދޮށުގޭ އުސޭދު ހަނީފާއި އެގޭ މުހައްމަދު ހަނީފްގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ދައުވާ ކުރީ ކޮކޯ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ދެ މީހުންނާއި ރައީސް ޔާމީންގެ ދަރިކަލެއް ކަމަށްވާ ޒެއިން އަބްދުﷲ ޔާމީން އުފެއްދި ކުންފުންޏަށް ލޯނުގެ ގޮތުގައި ޒެއިން ދޫކުރެއްވި 85،000 ޑޮލަރު (1.3 މިލިއަން ރުފިޔާ) އާއި 544،470 ރުފިޔާ އަށް އެ ދެ މީހުން ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ ދެ މީހުން ދައުވާ އަށް އިންކާރު ކުރުމާ ގުޅިގެން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކަކީ ޚިޔާނާތުގެ ކުށް އެމީހުންގެ މައްޗަށް ސާބިތުކުރެވޭ ވަރުގެ ހެކިތަކެއް ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.
"ދައުވާ ލިބޭ ދެފަރާތުން ވެސް ދައުވާ އަށް އިންކާރުކޮށްފައިވާ އިރު، މި ދެ ފަރާތުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ޓަކައި ހެކި ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް ދިނުމުން، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކީ މި ކުށް މިދެ މީހުންގެ މައްޗަށް ސާބިތުކުރެވޭ ވަރުގެ ހެކިތަކެއް ކަމަށް ޝަރީއަތަށް ނުފެންނާތީ، މި ދައުވާ ސ. ހިތަދޫ އަނބުގަސްދޮށުގޭ އުސޭދު ހަނީފާއި ސ. ހިތަދޫ އަނބުގަސްދޮށުގޭ މުހައްމަދު ހަނީފްގެ މައްޗަށް ސާބިތުނުވާ ކަމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.