05 Jun 2014, 16:00
ރ. މާކުރަތުގައި އެއް އަހަރުގެ ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި މަރުވެއްޖެ އެވެ.
އެ ކުއްޖާގެ ހަށިގަނޑު މިހާރު ބާއްވާފައި އޮތީ ރ. އަތޮޅު އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ ކުއްޖާ އޮތީ މަރުވެފައިވާ ކަމަށެވެ. ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ކުއްޖާގެ ބޭރު ފުށުން އެއްވެސް ކަހަލަ އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.
"މިކޮޅަށް ގެނައި އިރު ވެސް އޮތީ މަރުވެފައި. އެ ކުއްޖާ ގެނައީ ފެންގަނޑަކަށް ވެއްޓިގެން ކަމަށް މައުލޫމާތު ދީފައި ވަނީ. ބޭރުފުށުން ހާނިއްކައެއް ނެތް. މަރުވާން ދިމާވި ސީދާ ސަބަބު މިވަގުތު ދަންނަވަން ދަތި،" އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.
އުމުރުން އެއް އަހަރާއި އެއް މަހުގެ އެކުއްޖާ ވެއްޓީފައި ވަނީ ގެއެއްގައި މަސް ގެންގުޅެން ހަދާފައިވާ ފެންގަނޑަކަށެވެ. އެ ކުއްޖާ މަސް ފެންގަނޑަށް ވެއްޓެން ދިމާންވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.