05 Jun 2014, 15:40
ބާސެލޯނާގެ މިޑްފީލްޑަރު ސެސް ފެބްރިގާސް އަށް ބޮޑު ހުށަހެޅުމެއް ހުށަހަޅަން ޗެލްސީން ތައްޔާރުވެއްޖެ އެވެ.
ޓްރާންސްފާ މުއްދަތުގެ ތެރޭގައި ބާސާ ދޫކޮށް، އެހެން ކްލަބަކާއި ގުޅެން ތައްޔާރުވެފައިވާ ކަމަށް ފެބްރިގާސް އިއުލާން ކުރުމާއި ގުޅިގެން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްއާއެކު އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީ ވެސް މިހާރު ވަނީ ފަށައިފަ އެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕްޓްކުރާ ގޮތުގައި، ޗެލްސީން ފެބްރިގާސް އަށް ހަފްތާއަކު 200،000 ޕައުންޑްގެ މުސާރައެއް ދޭ ގޮތަށް ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުކުރަމުންދާ ކަމަށެވެ.
ފެބްރިގާސް ހޯދުމަށް މަސައްކަތްކުރާ ކްލަބުތަކުގެ ތެރެއިން ކުރިން އެންމެ ކުރީގައި އޮތީ ޔުނައިޓެޑެވެ. އޭނާގެ ކުރީގެ ކްލަބު އާސެނަލް އަށް އަލުން ގުޅޭނެ ކަމުގައި ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާއިރު، ޗެލްސީގެ ހުށަހެޅުމާއެކު ފެބްރިގާސްގެ ހިޔާލުތައް ބަދަލުވެދާނެ އެވެ.
އާސެނަލްގައި ވިދާލުމަށް ފަހު، ފެބްރިގާސްގެ ޒުވާން އުމުރުގައި ކުޅުނު ބާސެލޯނާ އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. ނަމަވެސް އާސެނަލްގައި އަށް އަހަރު ހޭދަކުރި ފެބްރިގާސް އަށް ބާސާގައި އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.