05 Jun 2014, 14:55
ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ހަ ދަރަޖައިގެ ކުރި އެރުމަކާއެކު ސާކް ސަރަހައްދުގެ ދެ ވަނަ މަގާމަށް ރާއްޖެ ޖެހިލައިފި އެވެ.
ފީފާއިން ރޭންކިން ލިސްޓުން ރާއްޖެއަށް ސަރަހައްދުގެ ދެ ވަނަ ލިބުނު އިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 147 ވަނަ މަގާމް ގައެވެ. ކުރިން ރާއްޖެ އޮތީ ފީފާ ރޭންކިންގައި 153 ވަނާގަ އެވެ. ނަމަވެސް މިހާރު ވަނީ ހަ ދަރަޖައިގެ ކުރިއެރުމެއް ލިބިފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސާކް ސަރަހައްދުގެ ދެ ވަނަ ރާއްޖެއަށް ލިބުނު ފަހުން، ދެން މުޅިންވެސް ލިބިފައި ވަނީ ތިން ވަނަ މަގާމެވެ.
ހަ ދަރަޖައިގެ ބޮޑު ކުރިއެރުމެއް ރާއްޖެ ލިބިފައި މި ވަނީ މިދިޔަ މަހު ރާއްޖޭގައި ބޭއްވި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ ހޯދި ކާމިޔާބީތަކަށް ބެލުމަށްފަހު އެވެ. އެގޮތުން ރާއްޖެ ވަނީ އެ މުބާރާތުގެ ތިން ވަނަ މަގާމު ހޯދާފަ އެވެ.
ސާކް ސަރަހައްދުގެ އެއް ވަނަ މަގާމް މިފަހަރު ވެސް ލިބުނީ، އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަފްގާނިސްތާނެވެ. އެކަމަކު އަފްގާނަށް މިފަހަރު ދެ ދަރަޖައިގެ ގެއްލުމެއް ކުރިމަތިވިއިރު، ދުނިޔޭގެ ރޭންކިންގައި އަފްގާން އޮތީ 130 ވަނަ މަގާމުގަ އެވެ. އަދި އޭޝިއާ ސަރަހައްދުގައި އަފްގާން އޮތީ 20 ވަނަ މަގާމް ގަ އެވެ.
ސާކް ސަރަހައްދުގެ ތިން ވަަނަ މަގާމް މިފަހަރު ލިބުނީ އިންޑިއާ އަށެވެ. އެގޮތުން އިންޑިއާއަށް ހަތް ދަރަޖައިގެ ގެއްލުމެއް ލިބިފައި ވާއިރު، ދުނިޔޭގެ ރޭންކިންގައި އެ ގައުމު އޮތީ 154 ވަނަ މަގާމުގު އެވެ.
ސާކް ސަރަހައްދުގެ ހަތަރު ވަނަ މަގާމުގައި އޮތީ ފަސް ދަރަޖަ ފަހަތަށް ޖެެހެލި ޕާކިސްތާނެވެ. އަދި ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން މިހާރު އޮތީ 164 ވަނާގަ އެވެ. ސާކް ސަރަހައްދުގެ ފަސް ވަނަ މަގާމުގައި އޮތީ ފަސް ދަރަޖަ ފަހަތަށް ޖެހެލި ނޭޕާލެވެ. އަދި ދުނިޔޭގެ ރޭންކިންގައި ނޭޕާލް އޮތީ ޕާކިސްތާނާ އެއްވަރަށް ހަމަ 164 ވަނަ މަގާމްގައެވެ.
ސާކް ސަރަހައްދުގެ ހަ ވަނަ މިފަހަރު ލިބިފައި ވަނީ ހަ ދަރަޖައިގެ ގެއްލުމެއް ލިބުނު ބަގްލަދޭޝްއަށެވެ. އަދި ސަރަހައްދުގެ ހަތް ވަނަ ލިބުނީ ފަސް ދަރަޖަ ފަހަތަށް ޖެހުނު ސްރީލަންކާއެވެ. މިފަހަރު ވެސް ސާކް ސަރަހއްދުގެ އެންމެ ފުލުގައި އޮތީ ބޫޓާނެވެ.
އޭޝިއާ ސަރަހައްދުން މިފަހަރު އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 71 ދަރަޖައިގެ ކުރިއެރުމެއް ހޯދި ފަލަަސްތީނެވެ. ފަލަސްތީނަށް މިހާބޮޑު ކުރިއެރުމެއް ލިބިފައި މިވަނީ އޭއެފްސީ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން ހޯދުމާއި ގުޅިގެންނެވެ. އަދި އޭޝިއާ ސަރަހައްދުގެ އެއްވަނަ މަގާމް ގައި އޮތީ އިރާނެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނަ މަގާމް ގައި ސްޕެއިން މިފަހަރުވެސް ހިމެނުުނުއިރު، ދެ ވަނަ މަގާމް ގައި އޮތީ ޖަރުމަނެވެ. އަދި ދުނިޔޭގެ ތިން ވަނަ މަގާމްގައި އެއް ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން އޮތީ ބްރެޒިލްއެވެ.