މިމަހުގެ 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ދިވެހި ޒުވާނުންގެ މެދުގައި ގަދަކޮށް، އެ މުބާރާތުގެ މެޗުތައް އެކުގައި ތިބެ ބަލާލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީ އިން ރާއްޖޭގެ 26 ޒުވާނުންގެ މަރުކަޒަކަށް ޕްރޮޖެކްޓަރުތަކެއް ހަދިޔާކޮށްފި އެވެ.

ޕްރޮޖެކްޓަރުތައް ހަވާލުކުރުމަށް މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ދިވެހީން ވަރަށް ފޯރިޔާ އެކު ބަލަމުން އަންނަ މުބާރާތެއް ކަމަށްވާތީ އެ މުބާރާތް ފަސޭހަ އިން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން އެކިއެކި ކަންތައް ރާވާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭ މީހުންނަށް މެޗުތައް ބަލާލުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން އޮލިމްޕަހުގައި ވޯލްޑްކަޕްގެ މެޗުތައް އެޅުވުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން މިއަދު ޕްރޮޖެކްޓަރުތައް ހަވާލުކުރީ 26 ޒުވާނުންގެ މަރުކަރުގެ ނަންތައް ތިރީގައި އެވަނީ އެވެ.

ފްރޮޖެކްޓަރު ހަވާލު ކުރި ރަށްތަކަކީ ޒުވާނުންގެ މަރުކަޒުތައް ހުރި ރަށްތަކެވެ. އެ ގޮތުން ހއ. އަތޮޅުގައި ޒުވާނުންގެ މަރުކަޒު ހުންނަ ދިއްދޫ ދާއި މާރަންދޫއަށް ވަނީ ޕްރޮޖެކްޓަރު ހަވާލުކޮށްފަ އެވެ. އަދި ހދ. އަތޮޅުގެ ހަނިމާދޫ އަށާއި ށ. ފޮނަދޫ އާއި ނ. ހޮޅުދޫ އާއި ރ. އުގޫފާރާއި ބ. އޭދަފުށީގެ ޒުވާނުންގެ މަރުކަޒަށް ވެސް ވަނީ ޕްރޮޖެކްޓަރު ހަވާލުކޮށްފަ އެވެ. އަދި ޅ. ހިންނަވަރާއި ކ. ގުޅި އާއި އއ. ރަސްދޫ އާއި މ. މުލި އާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި ތ. ތިމަރަފުށްޓާއި ލ. ފޮނަދޫ އާއި އެ އަތޮޅު ގަމާއި ގއ. ވިލިނގިލިއްޔާއި ގދ. ތިނަދޫ އާއި އެ އަތޮޅު މަޑަވެލި ޒުވާނުންގެ މަރުކަޒަށް ވެސް ވަނީ ޕްރޮޖެކްޓަރު ހަވާލުކޮށްފަ އެވެ.

އޭގެ އިތުރުން ފުވައްމުލަކު ޒުވާނުންގެ މަރުކަޒަށާއި އައްޑޫ މަރަދު އާއި ހިތަދޫއާއި ގަމުގެ ޒުވާނުންގެ މަރުކަޒަށް ވެސް ވަނީ ޕްރޮޖެކްޓަރު ހަވާލުކޮށްފަ އެވެ. އަދި ދަނގެއްޗާއި ކ. މާފުށްޓާއި ކުޅުދުއްފުށި ޒުވާނުންގެ މަރުކަޒަށް ވެސް ވަނީ ޕްރޮޖެކްޓަރު ހަވާލުކޮށްފަ އެވެ.