05 Jun 2014, 14:05
ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ކުރިމަތިވެފައިވާ އަނިޔާއަކީ ސިހުރުގެ ކަމެއް ކަމުގައި ބުނެ، ސިހުރު ހަދާ ގާނާ މީހާގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރަން ފަށައިފި އެވެ.
ރޮނާލްޑޯގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާއަށް ވަނީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މެކްސިކޯ އަދި އަޔަލެންޑާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި އޭނާ އަށް ބައިވެރިއެއް ނުވެވޭނެ އެވެ.
ރޮނާލްޑޯގެ އަނިޔާ އަކީ ޑޮކްޓަރުންނަށް ހައްލެއް ނުހޯދޭނެ ކަމަށާއި އެ ސިހުރުގެ އަމާޒަކީ ގާނާއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގައި ރޮނާލްޑޯ އަނިޔާގައި ހުރުން ކަމުގައި އެ ސިހުރު ހެދި މީހާ ކަމަށް ބުނާ ނަނާ ކުވަވޫ ބޮންސަމް ބުނެ އެވެ. މި ހަބަރު ވަނީ ޑެއިލީ މެއިލް، މެޓްރޯ، ބްލީޗާ ރިޕޯޓްސް އަދި ގޯލް ޑޮޓް ކޮމް ފަދަ ބޮޑެތި ނޫސްތަކުގެ ސުރިހާތަކަށް އަރައިފަ އެވެ.
"އަހަރެންނަށް ރޮނާލްޑޯގެ އަނިޔާގެ ކަންތައް ވަރަށް ރަނގަޅަށް އެނގޭ. މިހާރު ވެސް އަހަރެން މިދަނީ އެކަންތަކާއި މަސައްކަތް ކުރަމުން،" ގާނާގެ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ފަންޑިތަ ހަދާ މީހާ ބުންޏެވެ. "ރޮނާލްޑޯގެ އަނިޔާގެ ކަންތައް ބެލެހެއްޓުމުގެ ކަންތައް ވަރަށް ސީރިއަސްކަމާއެކު އަހަރެން މި ދަނީ ކުރިއަށް ގެންދަމުން. ވޯލްޑް ކަޕުގައި ރޮނާލްޑޯއަށް ބައިވެރިނުވެވޭނެ ގޮތަށް ނުވަތަ ގާނާ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ގޮތަށް ހަދާނެ ކަމަށް މީގެ ހަތަރު އަހަރު ކުރިން ވެސް އަހަރެން ބުނެފައިވާނެ. އަހަރެން ސިހުރު ހެދުމަށް ހަތުރު ކުއްތާއެއް ބޭނުން ކުރިން،"
ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި ޕޯޗުގަލްއާ ދެކޮޅަށް ގާނާ ނުކުންނާނީ މި މަހު 26 ވަނަ ދުވަހު އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ޖަރުމަނާއި އެމެރިކާ އެވެ.