އުމުރުން 13 އަހަރުގެ އިންޑިއާ އަންހެން ކުއްޖަކު އެވަރެސްޓް ފަރުބަދައިގެ ކޮޅަށް އެރުމަށްފަހު ދުނިޔޭގައި ހުރި އެންމެ އުސް ޕޮއިންޓްގައި ފައިތިލަ ބީއްސާލި އެންމެ ހަގު އަންހެން ކުއްޖާގެ ލަގަބު ހޯދައިފިއެވެ.

މަލަވަތު ޕޫރްނާ އަށް މައުންޓް އެވަރެސްޓް ގެ އެންމެ އުސް ހިސާބަށް ދެވުނީ ނިމުނު މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އޭނަ ބުނީ އެވަރެސްޓްގެ ކޮޅަށް އެރުމުން “އުފަލުގެ ކަރުނަތައް އޮހެންފެށި” ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށައި “ކޮންމެ ފިޔަވަޅަކީ ބިރުވެރި ފިޔަވަޅެއް” ކަމަށެވެ.

ދުނިޔޭގައިވާ އެންމެ އުސް ޕޮއިންޓް ކަމަށްވާ އެވަރެސްޓް ފަރުބަދައިގެ ކޮޅަށް އެރުމަކީ އާދަޔާ ހިލާފު ހިތްވަރާއި އަޒުމު ބޭނުންވާ ކަމެކެވެ. އެވަރެސްޓްގެ އެންމެ އުސް ޕޮއިންޓް ހުންނަނީ 8،850 މީޓަރު (29،035 ފޫޓު) އުހުގައެވެ. އަދި މި ފަރުބަދައިގައި ފިނި ހޫނުމިން މައިނަސް 40 ޑިގްރީ ސެލްސިއަސް އަށް ދަށަށް ދެއެވެ. ރާއްޖޭގައި އާއްމުކޮށް ފިނި ހޫނުމިން ހުންނަނީ ޕޮޒިޓިވް 30 ޑިގްރީ ސެލްސިއަސްގައެވެ.

“އެވަރެސްޓްގެ އެންމެ އުހަށް އެރުން މިއީ ވަރަށް ރަނގަޅު ތަޖުރިބާއެއް. ވަރަށް އުފާވޭ. ވަރަށް ފަހުރުވެރިވޭ” ހެވިފައި ހުރެ ދެއްލީގައި ތިބި މުރާސިލުންނަށް މަލަވަތު ޕޫރްނާ ކިޔައިދިނެވެ.

އެވަރަސްޓް ފަރުބަދައިގެ އެންމެ އުހަށް ކުރި ދަތުރުގައި މަލަވަތުއަށް 3،000 މީޓަރަށް އެރުނުތަނާ “މަރުވެފައިތިބި 6 މީހުންގެ ހަށިގަނޑު” ފެނުނުކަމަށް އެނާ ބުންޏެވެ. “އަހަރެންނަށް ލިބުނީ ޝޮކެއް. ވަރަށް ބިރުގަތް،” މަލަވަތު ބުންޏެވެ. ނަމަވެސް އެވަރެސްޓް އަށް އެރުމަށް އެނާ ކޮށްފައިވާ ތަމުނީތައް ހަނދާނަށް ގެނެސް ކުރިއަށް ހިނގައިގަތީ ކަމަށް އޭނާ ކިޔައިދިނެވެ.

މަލަވަތު ޕޫރްނާ އެވަރެސްޓް ފަރުބަދައަށް އަރާފައި ވަނީ ޗައިނާގެ ޓިބެޓްގެ އުތުރުންނެވެ. ނޭޕާލް އާ ވީ ފަޅިން އެވަރެސްޓް ފަރުބަދައަށް އަރަން ބޭނުންނަމަ މަދުވެގެން އުމުރުން 16 އަހަރުވުން ލާޒިމެވެ. ނަމަވެސް ޗައިނާގައި މިފަދަ ގަވައިދެއް ނޯވެއެވެ. އެވަރެސްޓް ފަރުބަދައަށް މަލަވަތު އެރިކަން ޔަގީންކޮށްދީފައި ވަނީ ޓިބެޓްގެ ވެރިރަށް ލާސާގައި ހުންނަ ޗައިނާ ޓިބެޓް މައުންޓަނިއަރިންގ އެސޯސިއޭޝަނުންނެވެ.

މަލަވަތު ޕޫރްނާ އަކީ އެވަރެސްޓް ފަރުބަދަ ފަތަހަކުރި އެންމެ ހަގު އަންހެން ކުއްޖާއެވެ. 2010 ވަނަ އަހަރު އެމެރިކާގެ ޖޯޑަން ރޮމޭއިރޯ ވަނީ 13 އަހަރުގައި އެވަރަސްޓް އަށް އެރި އެންމެ ހަގު ފިރިހެން ކުއްޖާގެ ލަގަބު ހޯދާފައެވެ.

މަލަވަތު ޕޫރްނާ ގެ އާއިލާ އަކީ އިންޑިއާގެ އަންދަރަ ޕްރަދޭޝްގައި ދަނޑުވެރިކަން ކުރާ ވަރަށް ނިކަމެތި އާއިލާއެކެވެ. ނަމަވެސް 8 މަސް ދުވަސްވަންދެން މަލަވަތުއަށް ތަމްރީނުދީ އެވަރެސްޓް ފަރުބަދައިގެ ކޮޅަށް އެރުމުގެ ދަތުރަށް ހިތްވަރުދިނީ އެނާގެ މައިންބަފައިންނެވެ.

މަލަވަތު ޕޫރްނާ އެވަރެސްޓް ފަރުބަދައަށް އެރުމުގެ ދަތުރުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ އަންދަރަ ޕްރަދޭޝްގައި އިޖްތިމާއީ ދުޅަހެޔޮކަމާއި ފަގީރު ކުދިންނަށް އެހީވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އަންދަރަ ޕަރަދޭޝް ސޯޝަލް ވެލްފެއާ ރެޒިޑެންޝަލް އެޑިއުކޭޝަން އިންސްޓިޓިއުޝަން ސޮސައިޓީ އިންނެވެ.