ދިރާގުގެ ނެޓްވޯކަށް ބަޔަކު ހަމަލާ ދިނުމާ ގުޅިގެން 18 އަހަރުން ދަށުގެ ތިން ކުއްޖަކާއި އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށް ކުޑަ ތިން ކުދިން ދޫކޮށްލައިފި އެވެ.


ދިރާގުގެ ނެޓްވޯކަށް ބަޔަކު ހަމަލާދިން މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ދިރާގުގެ ނެޓް ވޯކަށް ބަޔަކު ހަމަލާދިނުމާ ގުޅިގެން އެރޭ އެ މައްސަލަ ފުލުހުންނަށް ދިރާގުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހްގީގު ކުރި ކުރުމުން މާލެ ފިޔަވައި އިތުރު ހިސާބުތަކުން ވެސް ދިރާގުގެ ނެޓް ވޯކަށް ބަޔަކު ހަމަލާ ދެމުން ދާކަން ފާހަގަ ކުރެވިގެން އަށްޑު އަތޮޅަށް އެކަމުގެ ޚާއްސަ ޓީމެއް ފުރުވާލި ކަމަށެވެ. ޖަމްޝީދު ވިދާޅުވީ އެކަމުގައި ޝައްކު ކުރެވޭ ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލާފައިވާ ކަމަށެވެ. އެގޮތުން އައްޑު އަތޮޅު މަރަދޫ ފޭދޫ އާއި މަރަދޫގެ ގެއްގެ އިތުރުން މާލޭގެ ގެއެއް ވެސް ޗެކް ކޮށްފައިވާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. އެގޮތުން އެ ތިން ގެއަށް އެއްވަގުތެއްގައި އިއްޔެ ފުލުހުން ވަދެ ފައިވާ ޖަމްޝީދު ވިދާޅުވި އެވެ.


ޖަމްޝީދު ވިދާޅުވީ މަރަދޫ ފޭދޫގެ ގޭގެ ތެރެއިން އެކަން ކުރަމުން ދަނިކޮށް މީހަކު ހައްޔަރުކޮށް ބައެއް އެއްޗެހި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މާލޭގެ ގޭގެތެރެއިން ވެސް އެކަމާ ގުޅުން ހުރި ބައެއް އާލާތްތައް ފުލުހުން ހޯދާފައިވާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.


އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ދެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއި 28 އަހަރުގެ މީހެކެވެ. އަދި އެމީހުންގެ ޑާޓާ ބޭސްތައް ރައްކާކުރާ އެއްޗެހި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޖަމްޝީދު ވިދާޅުވި އެވެ.


ނަމަވެސް އެ މައްސަލައިގައި ހައްޔަތު ކުރި 18 އަހަރުން ދަށުގެ ތިން ކުދިން ދޫ ކޮށްލާފައިވާ ކަމަށާއި ނަމަވެސް 28 އަހަރުގެ މީހާގެ މުއްދަތު އިތުރު ކުރުމަށް ފަހު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ޖަމްޝީދު ވިދާޅުވި އެވެ. 


ޖަމްޝީދު ވިދާޅުވީ އެކަމުގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ދިރާގަށް ފައިސާ ގޮތުން ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ އިރު ރާއްޖޭގެ އިގްތިސާދަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.


"މި ހަމަލާ އަކީ އިލެކްޓްރޯނިކް ހަމަލައެއް ނަމަވެސް މިކަމުގެ ސަބަބުން ދިރާގަށް ވަރަށް ބޮޑު ގެއްލުން ތަކެއް ވަމުންދާ ކަން ފާހަގަ ކުރެވިފައިވޭ. އަދި ސަރުކާރުގެ ވަރަށް ގިނަ އޮފީސް ތަކާ ބޭންކްތަކުގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް" ޖަމްޝީދު ވިދާޅުވި އެވެ.


ޖަމްޝީދު ވިދާޅުވީ މިހާތަނަށް ރާއްޖޭން ބޭރުން އެއްވެސް ހަމަލައެއް އައިސްފައިވާ ކަން އެނގިފައިނުވާ ކަމަށެވެ.


ދިރާގުގެ ނެޓްވޯކަށް ބަޔަކު ޑީޑޮސް ހަމަލާއެއް ދިނުމާ ގުޅިގެން ދިރާގު ނެޓްވޯކުގެ ދަށުން ރާއްޖޭގައި ހިންގާ ބައެއް ވެބް ސައިޓްތައް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ވަނީ މެދުކެނޑިގެން ގޮސްފަ އެވެ.


ދިރާގު އިންޓަނެޓް ނެޓް ވޯކަށާއި ވެބް ސާވަރަށް މެދުކެނޑުމެއްނެތި ހެކްކުރާ ފަރާތްތަކަށް ގެއްލުން ދިނުމަށް ކުރާ މަސައްކަތެއްގެ ސަބަބުން ދިރާގު އިންޓަނެޓާއި މޯބައިލް އިންޓަނެޓް ޚިދުމަތް ބޭނުން ކުރުމުގައި ބައެއް ސައިޓްތަކަށް ވަނުމުގައި ވަނީ ދަތި ތަކެއް ކުރިމަތިވެފަ ކަމަށް ދިރާގުން ބުންޏެވެ.  އަދި އެ މައްސަލައަކީ ބަޔަކު ގަސްތުގައި ޑީޑޮސް ހަމަލާތަކެއް ދިރާގުގެ ނެޓްވޯކަށް ދިނުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.