މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބެހުމުގެ ހިޔާލު ތަފާތުވެފައިވާ މައްސަލައިގައި މިއަދު ގޮތެއް ނިންމާނެ ކަމަށް ކޮމެޓީތައް އެކުލަވާލުމަށް ނަގާފައިވާ ވަގުތީ ކޮމެޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އެއްވެސް ހައްލެއް ނުލިބި ނިންމަވާލައްވަމުން ރިޔާޒް ވިދާޅުވީ މަޝްވަރާ ކޮށްގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި މިއަދު މެންދުރުފަހު 1:30 ގައި ބާއްވާ ބައްދަލުވުމުގައި ކޮންމެ ވެސް ގޮތަކަށް އެ މައްސަލަ ނިންމާނެ ކަމަށެވެ. އަދި މަޝްވަރާ ކޮށްގެން ގޮތެއް ނުނިމިއްޖެ ނަމަ ވޯޓުން ނަގައިގެން ނަމަވެސް "ކޮޅެއްގައި ޖައްސަ"ވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރީ މަޝްވަރާކޮށްގެން ދޫ ދީގެން ގޮތެއް ނިންމަން. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެން ކޮމެޓީން ގޮތެއް ނިންމާނަން އެއީ ވޯޓަކަށް ގޮސްގެން ނަމަވެސް،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގައި ހިމެނޭ 12 ދާއިމީ ކޮމެޓީތަކުގައި މެމްބަރުން ހިމަނާނެ އަދަދާމެދު ހުރިހާ ޕާޓީތަކުގެ މެމްބަރުންގެ މެދުގައި ވެސް އެއްބަސްވުމަކަށް އާދެވިފައިވެ އެވެ. ނަމަވެސް މައްސަލަ ކުރިމަތިވަނީ ބައެއް ކޮމެޓީތަކަށް މެމްބަރުން އިތުރުވާ މައްސަލަ އެވެ. އަދި ބައެއް ކޮމެޓީތަކުގައި ތިއްބަން ޖެހޭ އަދަދަށް މެމްބަރުން މަދުވެ އެވެ.

ކޮމެޓީއެއްގައި ތިއްބަވަން ޖެހޭ 11 މެމްބަރުނަށް ވުރެ އިތުރަށް ހަތަރު ކޮމެޓީއެއްގައި އޮއްވަ، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީން ވަނީ ދޫދިފަ އެވެ. އެ ދެ ޕާޓީންވެސް ވަނީ މެމްބަރުން އިތުރުވާ ދެ ކޮމެޓީއެއްގައި ތިއްބެވި އެ ޕާޓީގެ މެމްބަރުން އެހެން ކޮމެޓީތަކަށް ގެންގޮސް ދެ ކޮމެޓީއެއްގެ މައްސަލަ ހައްލުކޮށްދޭން އެއްބަސްވެފަ އެވެ.

އެހެން ކަމުން މިހާރު 12 މެމްބަރުން ތިބި ދެ ކޮމެޓީގަ އެވެ. އެއީ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އެވެ. ކޮމެޓީގެ މުއައްރިރު ރިޔާޒް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މައްސަލަ އޮތް ދެ ކޮމެޓީގެ މައްސަލަ ހައްލުކުރެވެން އޮތީ އެމްޑީޕީ އާއި ޕީޕީއެމް އެމްޑީއޭ އަށް ކަމަށެވެ.