05 Jun 2014, 13:00
ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ޑިއޭގޯ ކޯސްޓާ ޗެލްސީއަށް ބަދަލުވުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ޑިއޭގޯ ކޯސްޓާއާ ބެހޭގޮތުން އިނގިރޭސި ޑެއެލީ މޭލް ނޫހުގައި ބުނެފައި ވަނީ، ޗެލްސީއިން ވަނީ އޭނާއަށް 32 މިލިއަން ޔޫރޯ ހުށަހަޅާފައި ކަމަށެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ބްރެޒިލްގައި ފަށާ ވޯލްޑް ކަޕްގެ ކުރިން ޑިއޭގޯ ކޯސްޓާ ޗެލްސީއަށް ސޮއި ކުރާނެ ކަމަށް އޭނާގެ އެޗެންޓުންނާ ހަވާލާދީ ޑެއެލީ މޭލްގައި ބުނެފައި ވެ އެވެ.
މީގެއިތުރުން ޑެއެލީ މޭލް ނޫހުގައި ބުނެފައި ވަނީ ޑިއޭގޯ ކޯސްޓާއާ އެކު ޗެލްސީއިން މިއަދުގެ ވަގުތެއްގައި މެޑިކަލް ޓެސްޓުތައް ހަދާފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ޗެލްސީގެ އިސްވެރިން ބްރެޒިލްއަށް ކުރާ ދަތުރުގައި ޑިއޭގޯ ކޯސްޓާ އާއެކު ޗެލްސީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ޗެލްސީއާ އެކު އޭނަ ސޮއި ކުރަނީ ކިހާ ދުވަހެއްގެ މުއްތަތަކަށް ކަމެއް މީޑިއާ ރިޕޯޓްތަކުގައި އަދި މުޅިން ހާމަ ކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ޗެލްސީގެ ރަސްމީ ވެބް ސައިޓުގައި އެޓީމްގެ ހެޑް ކޯޗް މޮރީނިއޯ ބުނެފައި ވަނީ، އަންނަ ސީޒަންގައި ކުލަބް ވަރަުގަދަ ކުރުމަށް ކުޅަދާނެ ފޯވާޑުން ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށާއި އެކުޅުންތެރިންނަކީ ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިންތަކެއް ކަމަށް މޮރީނިއޯ ބުނެފައި ވެއެވެ.