މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވެސް މިއަދުން ފެށިގެން ރާއްޖެއިން ބޭރަށް ދާ މީހުންނަށް ހާއްސަކޮށް، މީހަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު ވިއްކަން ނިންމައިފި އެވެ.

އެ ދެ ބޭންކުން ވެސް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އިސްލާމިކް ބޭންކާއި އިންޑިއާ ބޭންކުން ވެސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ފެށިގެން މެންދުރު 2:30 އާއި ހަމައަށް އެ ދެ ބޭންކުގެ މައި އިދާރާ އިން ޑޮލަރު ގަންނަން ލިބޭނެ ކަމަށެވެ.

ޑޮލަރު ގަންނަން ދާއިރު ހުރިހާ ކަސްޓަމަރުން ވެސް ޓިކެޓާއެކު އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ގެންދިޔުމުން ގިނަވެގެން 500 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އިސްލާމިކް ބޭންކާއި އިންޑިއާ ބޭންކުން މިއަދުން ފެށިގެން ބޭރަށް ދާ ފަރާތްތަކަށް 500 ޑޮލަރު ވިއްކަން ނިންމާފައި ވާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ ބޭރަށް ދާ ފަރާތްތަކަށް ހާއްސަކޮށް ޑޮލަރު ވިއްކުމަށް އެ ބޭންކުގެ މައި އިދާރާގެ ތިން ވަނަ ފަންގިފިލާ ހާއްސަކޮއްފަ އެވެ.

ބޭންކުތަކުން މިގޮތަށް ނިންމާފައި ވަނީ އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކުރުމުގެ ގޮތުން އެމްއެމްއޭ އިން ބޭންކްތަކަށް ޑޮލަރު ވިއްކާ އަދަދު އިތުރުކޮށްފައިވުމުން ނެވެ.