ބުރަކައްޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފްރާންސްގެ ތަރި ރިބެރީ އަށް ވޯލްޑް ކަޕްގައި ނުކުޅެވިދާނެކަމުގެ ބިރުހީވެއްޖެ އެވެ.

އެންމެ ފަހުން އިއުލާން ކުރި 23 ކުޅުންތެރިންގެ ސްކޮޑްގަވެސް ރިބެރީ ހިމަނާފައި ވެއެވެ. މިޑީއާ ރިޕޯޓްތައް ބުނާގޮތުން ރިބަރީ އަށް އަނިޔާވި ނަމަވެސް އޭނާގެ ބަދަލުގަ ސާމިރް ނަސްރީ އަށް ޖާގަ ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. ފްރާންސްގެ ފުޓްބޯޅަ ފެޑެރެޝަނާ ހަވާލާދީ ބުނާގޮތުން ހުކުރު ދަވަހު ހަދާ ޓެސްޓްތަކަށް ފަހު ރިބެރީގެ ފިޓްނަސް އާ ދޭތެރޭ ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.

ރިބެރީގެ ބަދަލުގަ ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑަށް ނަގައިފާނެ ކަމަށް ބޮޑަށް ބެލެވެނީ ފްރާންސްގެ ތައްޔާރަށް ހުރި ކުޅުންތެރިންގެ ލިސްޓްގަ މި ވަގުތު ޖަހާފައިވާ ކުޅުންތެރިންގެ ތެރެއިން ރެމީ ސެބެއްލާ އާއި އެލެކްސެންޑާ ލަކަޒެޓް އެވެ.

ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްސްގެ ސްކޮޑަށް ބަދަލެއް ގެނައުމަށް ލިބިގެންދާނެ އެންމެ ފަހު ފުރުސަތަކަށް ވާނީ ޖޫން 15 ވަނަ ދުވަހު ހޮންޑިއުރަސްއާ ދެކޮޅަށް ވޯލްޑް ކަޕުގައި ފްރާންސް ކުޅޭ އެންމެ ފުރަތަމަ މެޗުގެ 24 ގަޑިއިރުގެ ކުރިންނެވެ.