05 Jun 2014, 12:27
ފުވައްމުލަކު ހޮސްޕިޓަލުގައި އެޑްމިޓްކުރި މާބަނޑު އަންހެނެއްގެ ބަނޑުތެރެއަށް ދަރިފުޅު މަރުވި މައްސަލާގައި އިހްމާލުވި ކަމަށް ތުހުމަތު ކުރާ އެ ރަށު ހޮސްޕިޓަލުގެ ގައިނޮކޮލަޖިސްޓާއި ހޭނައްތާ ޑޮކްޓަރުގެ ގާބިލްކަން ބަލަން ހެލްތު މިނިސްޓްރީ ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ޑޮކްޓަރުންނަށް ރާއްޖޭގެ އެއްވެސް ތަނެއްގައި ދެން މަސައްކަތް ކުރެވޭނީ އެ މީހުންގެ ގާބިލުކަމާ ދޭތެރޭ މިނިސްޓްރީއަށް އިތުބާރުލިބުމުން ކަމަށެވެ. ނަމަވެސް މިއަދު ވެސް އެ ދެ ޑޮކްޓަރުން ފުވައްމުލަކު ހޮސްޕިޓަލުގެ ވަޒީފާއަށް ވަނީ ނުކުމެފަ އެވެ.
މި މަހުގެ ކުރީ ކޮޅު ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ހިނގާދިޔަ ދެ ހާދިސާއާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ގައިނޮކޮލަޖިސްޓާއި ހޭނައްތާ ޑޮކްޓަރުގެ އިތުބާރު ގެއްލި ރައްޔިތުންގެ ނުރުހުން އެ ދެ ޑޮކްޓަރުންނަށް އަމާޒު ވަމުންދާ ކަމަށެވެ. އަދި ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ދެ ޑޮކްޓަރުން މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި "އެސެސްމެންޓެއް" ހަދަން ނިންމާފައިވާ ކަމަށް ހެލްތުން ބުންޏެވެ. އަދި އެސެސްމެންޓް ހެދުމަށް އެ ދެ ޑޮކްޓަރުން ލައްވައި އައިޖީއެމްއެޗުގައި މަސައްކަތް ކުރުވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ތަނެއްގައި އެ ދެ ޑޮކްޓަރުންނަށް މަސައްކަތް ކުރެވޭނީ، އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތް ކުރުމުގައި ދެ ޑޮކްޓަރުންގެ ގާބިލު ކަމާއި ދޭތެރޭ އެ މިނިސްޓްރީއަށް އިތުބާރު ކުރެވުމުން ކަމަށެވެ.
ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ހިނގާދިޔަ ހާދިސާތަކާ ގުޅިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އަތޮޅު ކައުންސިލުން ސުވާލުކޮށް ތަހުގީގު ކުރަމުން ގެންދިޔަ ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެގޮތަށް ޑޮކްޓަރުންނާއި ސުވާލުކޮށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ އެ މިނިސްޓްރީ އާއި މޯލްޑިވްސް މެޑިކަލް ކައުންސިލްގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ކަމާބެހޭ އިދާރާތައް ފިޔަވައި އެހެނިހެން އިދާރާތަކުން ކުރާ އެފަދަ އަމަލުތަކުގެ ސަބަބުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ތިބޭ ޑޮކްޓަރުންގެ ފަރާތުން ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް އެ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ޑޮކްޓަރުންގެ ކަންކަން ބަލައި ތަހުގީގު ކުރަމުންދާނެ ކަމަށެވެ.
ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މާބަނޑު މީހެއް އޮޕަރޭޝަން ކުރުމުގައި ބަނޑު ކަފާލުމަށްފަހު މާގިނައިން ލޭ އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެ އިތުރު ޑޮކްޓަރުންގެ އެހީތެރިކަން ލިބެންދެން އޮޕަރޭޝަން ކުރިއަށް ނުގެންގޮސް ބަނޑުން ކަފާލިތަން ފެހުމަށްފަހު އޮޕަރޭޝަން ވަނީ ހުއްޓާލާފަ އެވެ. އަދި އެ އޮޕަރޭޝަން ކޮށް ކުއްޖާ ނަގާފައިވަނީ ސ. ހިތަދޫގައި މަސައްކަތް ކުރާ ގައިނޮކޮލަޖިސްޓަކާއި ޕީޑިއަރިޝަނެއް ގޮސްގެނެވެ.
އެ މައްސަލައިގެ އިތުރުން ބަނޑުގައި ރިއްސާތީ ދިޔަ މާބަނޑު އަންހެނެއްގެ ދަރިފުޅު ބަނޑަށް މަރުވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން އެ ހޮސްޕިޓަލާ މެދު ކުރާ ތުހުމަތު ތަކަށް ހޮސްޕިޓަލުން ވަނީ ދޮގުކޮށްފަ އެވެ.