އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ނައިޖީރިއާގެ ކުޅުން ރަނގަޅުކުރަން ޖެހޭ ކަމަށް އެ ޓީމްގެ ކޯޗު ސްޓެފަން ކެޝީ ބުނެފި އެވެ.

ނައިޖީރިއާގެ ކޯޗުން މިހެން ބުނެފައިވާ އިރު، އެންމެ ފަހުން އެ ޓީމު ކުޅުނު އެކުވެރި ކަަމުގެ މެޗްތަކުގައި ނައިޖީރިއާ އަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ.

ނައިޖީރިއާގެ ކޯޗު ބުނީ އެ ޓީމަށް ބޯޅަ ހިފަހައްޓައިގެން ގޭމް ކޮންޓްރޯން ނުކުރެވޭ ކަމަށާއި ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އަދި ޓީމަށް ރަނގަޅަށް ނުކުޅެވެނީ ކީއްވެތޯ ބަލައި ޓީމުގެ ބަލިފަޔަކީ ކޮބައިކަން ދެނެގަންނަން ޖެހިފައިވާ ކަމަށެވެ.

"ތެދުތެދައް ބުނަންޏާ އަހަރެމެންނަކަށް އަދި އަހަރެމެންގެ ގޭމެއް ނުކުޅުވޭ. އެކުވެރި ކަމުގެ މެޗްތަކުގެ އެންމެ މުހިންމު ބޭނުމަކީ ޓީމުގެ ހުރި ބަލިފަޔަކީ ކޮބައިކަން ދެނެގަނެ އެކަންތައް ރަނގަޅު ކުރުން. އަހަރެމެން އެބަޖެހޭ ވަރަށް ބޮޑުތަން ރަނގަޅު ކުރަން. އަހަރެމެންނަކަށް ބޯޅަ ހިފަހަޓައިގެން ގޭމް ކޮންޓްރޯލްއެއް ނުކުރެވޭ،" އެ ޓީމް އެންމެ ފަހުން ކުޅުނު ދެ މެޗް ވެސް އެއްވަރުވުމުން ހިތްހަމަ ނުޖެހިފަހުރި ކޯޗު ބުންޏެވެ.

ވޯލްޑްކަޕްގަ ވާދަކުރުމުގެ ކުރިން ނައިޖީރިއާ އެންމެ ފަހުން ކުޅޭ އެކުވެރިކަމުގެ މެޗްގައި ނުކުންނަނީ ފްލޮރިޑާގަ އަންނަ ހޮނިހިރު ދުވަހު އެމެރިކާ ދެކޮޅަށެވެ. ވޯލްޑް ކަޕުގައި ނައިޖީރިޔާ އެންމެ ފުރަތަމަ ކުޅެންޖެހޭނީ އިރާނާ ދެކޮޅަށެވެ. އެ ދެ ޓީމު ބައްދަލު ކުރާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

ނައިޖީރިއާ މުބާރާތުގެ ކުޅޭ ފުރަތަމަ މެޗްގައި ފަސް ދުވަސް ފަހުން ބައްދަލު ކުރާނީ އިރާނާ އެވެ. ނައިޖިރިއާ ވަނީ 1994 އަދި 1998 ގެ ވޯލްޑްކަޕްގަ ގަދަ 16 އިން ޖާގަހޯދަފަ އެވެ.

މިފަހަރުގެ މުބާރާތުގެ ގްރޫޕް އެފްގައި ހިމެނޭ ނަޖީރިއާ ނުކުންނަން ޖެހޭނީ ބޮސްނިޔާ، އާޖެންޓީނާ އާއި އިރާނާ ދެކޮޅަށެވެ.