03 Jan 2011, 10:07
ޖިސްމާނީ އަދި ނަފުސާނީ އަނިޔާތައް ލިބިފައިވާ ފަރާތްތަކަށް ގާނޫނީ ބަދަލު ދިނުމުގެ ބިލެއް ރައްޔިތުންގެ މައްޖިލީހަށް ހުށަހެޅުމުގެ މަސައްކަތްތަކެއް، ހ. ޝަފީގުގޭ އަހުމަދު ޝަފީގުގެ އާއިލާގެ ފަރާތުން ފަށައިފި އެވެ.
ޝަފީގުގެ ގާނޫނީ ވަކީލު މެދުވެރި ކުރައްވައި "ނުހައްގު އަނިޔާއަށް ބަދަލު ދިނުމުގެ ގާނޫނު"ގެ ނަމުގައި މަޖިލީހަށް ހުށަހަޅާ ބިލާ ބެހޭ ގޮތުން ޝަފީގުގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން މިއަދު ވަނީ ބަޔާނެއް އާންމުކޮށްފަ އެވެ.
އެ ބަޔާނުގައި ބުނަނީ ޝަފީގުގެ ބިލުގެ މަސައްކަތް ކުރަނީ ޝަފީގުގެ އާއިލާއިން އެކަމަށް އިސްނަގައިގެން ކަމަށާއި ބިލު ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެ ބިލާ ބެހޭ ޕަބްލިކް ކޮންސަލްޓޭޝަންތައް ފަށާފައިވާ ކަމަށެވެ.
ހަސީނު ވިދާޅުވީ ރާއްޖޭގައި އަނިޔާގެ ޝިކާރައަށްވާ ރައްޔިތުންނާއި އެފަދަ ވޭން އުފުލަން ޖެހޭ މީހުންނަށް ބަދަލު ލިބޭނެ ރަނގަޅު ގާނޫނީ އޮނިގަނޑެއް ގާއިމުވެފައި ނުވާ ކަމަށާއި ޝަފީގުގެ ފަރާތުން އެ މަސައްކަތް ފެއްޓެވީ އެއީ ކޮންމެހެން ކުރަންޖެހިފައިވާ ކަމަކަށްވާތީ ކަމަށެވެ.
ހަސީންގެ ބަޔާނުގައި ބުނަނީ އުތުރު ގަޑުބަޑާއި އައްޑު ހުވަދޫ ސިޔާސީ ގަޑުބަޑާއި ބޮޑު ބުރާސްފައްޗާއި ކުޑަ ބުރާސްފައްޗާއި 1980އިގެ ކުރީ ކޮޅު ކުލީ ސިފައިން ގެނައި ކަމަށް ތުހުމަތުކޮށް ވަރަށް ގިނަ ބަޔަކަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމަށާއި ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ރަހުމް ކުޑަ ގޮތެއްގައި އަނިޔާކޮށް އަވަހާރަކޮށްލާފައިވާ ކަމީ ހަގީގަތެއް ކަމަށެވެ.
"... މިނޫނަސް ލާއިންސާނީ އެތައް އަނިޔާއެއް އެތައް ރައްޔިތަކަށް ދައުލަތުގެ ފަރަތުންނާއި އެހެނިހެން ފަރާތްތަކުން ދީފައިވާކަން އެއީ މުޅި ގައުމު ހެކިވާ ކަމެކެވެ. މީހުންގެ ގޯތި ގެދޮރާއި މުދަލާއި މިލްކިއްޔާތު ނުހައްގުން ނިގުޅައިގަތުމާއި ސިޔާސީ ފިކުރާއި މިނިވަން ހިޔާލުގެ ސަބަބުން ވަޒީފާ އިން ވަކި ކުރުމާއި އާއިލާގެ މެންބަރެއްގެ ސިޔާސީ ފިކުރުގެ ސަބަބުން މުޅި އާއިލާއަށް ނަފުސާނީ އަނިޔާ ދިނުން ފަދަ ކަންކަމަކީ ސަގާފަތެއްގެ ގޮތުން ދިވެހި ރާއްޖޭގައި ހިނގަމުން އައި ކަންކަމެވެ،" ބަޔާނުގައިވެ އެވެ.