05 Jun 2014, 10:47
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގި މީހަކު 10 އަހަރަށް ޖަލަށްލުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.
އެ ހުކުމް ކޮށްފައި ވަނީ އެރަށު ވެލިގާ، ހަސަން ސައީދުގެ މައްޗަށެވެ.
ފުވައްމުލަކު ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހަސަން ސައީދު މިދިޔަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މެންދަމު 1:32 އެހައިކަށްހާއިރު 14 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން އެރަށު ބަނދަރު ސަރަހައްދަށް ގޮސް އެކުއްޖާއާ ޖިންސީ އަމަލު ހިންގާފައިވާކަން ދައުލަތުން ހުށަހެޅި ހެކިތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.