05 Jun 2014, 10:45
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެކަމުގެ ނުރައްކާތެރިކަން ކުރިމަތިލާންޖެހޭ ކަމުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅިގެން ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނުރައްކަލާއި ގެއްލުން ކުދި ބޮޑު ހުރިހާ ގައުމަކަށް ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި މުސްތަގްބަލުގައި އެ ކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާނޭ ގެއްލުންތައް އިތުރުވާނެ ކަމުގެ އިންޒާރު އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މޫސުމަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތާއި ކާބޯތަކެއްޗަށާއި ޖުމްލަ ގޮތެއްގައި މުޅި އިގްތިސާދަށް އޭގެ ނުރަނގަޅު އަސަރު ކުރާނެކަން ފަހުގެ ދިރާސާތަކުން ޔަގީންކޮށްދޭ. ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަކީ މިކަމުގެ ނުރައްކަލާއި ބުރަ ފުރަތަމަ ތަހައްމަލު ކުރަންޖެހޭ ގައުމުތައް. އެހެން ކަމުން، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔޭގެ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަޅުނގަޑު ގޮވާލަން،" ރައީސްގެ ހިތާބުގައިވެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ފޯރާނެ އަސަރުތަކުގެ ވާހަކަ ރާއްޖެއިން މީގެ ކުރިން ވެސް ދައްކައި، އެ ކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ ފަރާތުން ވަކާލާތުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތަރައްގީއަށް ކުރެވޭ ބައެއް ކަންކަމުގައި ރާއްޖޭގެ ތިމާވެށްޓާއި ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ފޯރާފައިވާ ކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ތަރައްގީ އާއި އެކު ތިމާވެށި ވެސް ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެކުއެކީ ހިނގާ ކަންކަމުގައި ހަދަން ޖެހިފައިވާ ކަމަށެވެ. އަދި ދެމެހެއްޓެނެވި ތަރައްގީ ހާސިލުކުރެވެން އޮތީ އެގޮތުގެ މަތިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފަސް ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެގޮތުން މިއަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ކަނޑުގެ ލޮނުގަނޑު އުފުލުމާ ދެކޮޅަށް ތިބާގެ އަޑު އުފުލުން" އެވެ.