މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ މެއިން ސްޕޮންސަރަކަށް މަޝްހޫރު ސައިބޯނި ބްރޭންޑެއް ކަމަށްވާ ލައިފްބޯއީ ހަމަޖައްސައިފި އެވެ.

އެ މެޗްގެ މެއިން ސްޕޮންސަރަކަށް ލައިފް ބޯއީ ހަމަޖައްސާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެފްއޭއެމްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ލައިފް ބޯއީ އެ މެޗުގެ މެއިން ސްޕޮންސަރަކަށް ހަމަޖެއްސުމުން އެ މެޗު ކުޅޭނީ ލައިފް ބޯއީ ޗެރިޓީ ޝީލްޑްގެ ނަމުގަ އެވެ.

އެ މެޗް ކުޅެން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަންގެ ދިވެހި ލީގު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އެފްއޭކަޕްގެ ރަނަރަޕް މާޒިޔާ އެވެ.

ޗެރިޓީ ޝީލްޑަކީ ކުރިން ބާއްވަމުންދިޔަ ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ޗެރިޓީގެ ގޮތުގައި ކޮންމެ ވެސް ފަރާތަކަށް ހަދިޔާކުރަންޖެހެ އެވެ. ފާއިތުވި އަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެގޮތުން އެޓީމަށް މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުން އިނާމެއްގެ ގޮތުގައި ލިބުނު 100000ރ. ގެ 20 ޕަސެންޓަށްވާ ފައިސާ ހަދިޔާ ކޮށްފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށެވެ.