ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކޮށްފި އެވެ.

މާދަމާ އާއި ހޮނިހުރު ދުވަހު ބާއްވާ ގޮތަށް ހަމަޖެިފައިވާ އެމްޑީޕީގެ ކޮންގްރެސް ފަސްކުރި ސަބަބާއި ބެހޭ ގޮތުން އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކޮންގުރެސް ފަސް ކުރީ ކޮންގުރެސް ބާއްވާނެ ތަނެއް ލިބިފައި ނުވާތީ ކަމަށެވެ.

"މި ޖޫންމަހުގެ ހައެއް އަދި ހަތެއް ބޭއްވުމަށް ނިންމާފައިވާ މި ޕާޓީގެ ކޮންގްރެސް ބާއްވާނެ ތަނެއް ނުލިބުމުގެ ސަބަބުން ފަސްކުރެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. އަދި ކޮންގްރެސް ބާއްވާނެ ތާރީހު ހަމަޖެހުމުން އާންމުކޮށް އަންގާ އިޢުލާނު ކުރެވޭނެއެވެ" އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"ސަން" އަށް މައޫލޫމާތު ދެއްވަމުން އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު އިބްރާހިމް ވަހީދު ވިދާޅުވީ ދެން އެ ޕާޓީގެ ކޮންގުރެސް ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ކޮންގުރެސް ބާއްވުމަށްޓަކައި ދަރުބާރުގެ ލިބޭނެ ތާރީހެއް ކަށަވަރުވުމުން ކަމަށެވެ.

މި އަހަރުގެ އެޕްރީލް މަހުގެ އެއް ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ މިމަހުގެ ހައެއް އަދި ހަތެއްގައި އެ ޕާޓީގެ ކޮންގުރެސް ބޭއްވުމަށެވެ. އަދި އެ ކޮންގުރެސްގައި ޕާޓީގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ގަވާއިދު އިސްލާޙް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ކޮންގުރެސް އެ ޕާޓީން ފަސްކޮށްފައިވާއިރު އެ ޕާޓީން ވަނީ ޕާޓީގެ ރައީސް ނައިބް ރައީސް އަދި ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ. އެގޮތުން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 އިން ފެށިގެން 24 އަށް ވަނީ ހުޅުވާލާފަ އެވެ. އަދި ޕާޓީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ވޯޓްލުން ކުރިއަށް ގެންދާން ނިންމާފައި ވަނީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.