05 Jun 2014, 09:53
ސީރިޔާގެ ރައީސް ކަމަށް ބައްޝާރުލް އަސަދު، ރިޔާސީ ތިން ވަނަ ދައުރަކަށް އިންތިޚާބު ކުރި ކަމަށް އެ ގައުމުން ރަސްމީކޮށް އިއްލާންކޮށްފި އެވެ. އޭނާ އިންތިހާބުވެވަޑައިގެންނެވީ ކުރިއަށް އޮތް ހަތް އަަހަރު ދުވަހަށެވެ.
ސީރިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ އަސަދު ރިޔާސީ ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވީ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 88.7 ޕަސެންޓް ވޯޓު ކަމަށެވެ. ސީރިޔާގެ ރިޔާސީ އިންތިހާބު ބާއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އަސަދަށް ލިބިވަޑައިގެންނެވި ވޯޓުގެ ޖުމްލަ އަދަދަކީ 10،319،700 ވޯޓެވެ. ރިޔާސީ އިންތިހާބުގައި ދެ ވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައި ވަނީ ޑރ. ހައްސާން އަބްދުﷲ އައްނޫރީއަށެވެ. އޭނާއަށް ލިބިވަޑައިގެންފައިވަނީ 4.3 އިންސައްތަ ވޯޓެވެ. ތިންވަނަ ކެންޑިޑޭޓް ކަމަށްވާ މާހިރު އަބްދުލްޙަފީޒަށް ލިބިވަޑައިގެންފައިވަނީ 3.2 އިންސައްތަ ވޯޓު ކަމަށްވެސް ސޫރިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ސޫރިޔާގެ އިންތިޚާބުތަކުގައި އެންމެ ފަހު ބަސްބުނުމުގެ ބާރުލިބިގެން ވަނީ އެ ގައުމުގެ ދުސްތޫރީ ކޯޓަށެވެ. އެ ކޯޓުން ކަނޑައަޅާފައިވާ ގޮތުން އެ ގައުމުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 15 މިލިއަން މީހުންނަށް ކަމުގަ އެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލާފައި ވަނީ އޭގެ ތެރެއިން 11،634،000 މީހުން ކަމަށް ސޫރިޔާއިން ވަނީ ހާމަކޮށްފަ އެވެ.
ދާޚިލީ ހަނގުރާމައިގާ ސޫރިޔާގެ ބައެއް ސަރަހައްދުތައް އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށަށް ގޮސްފައިވާތީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްގޮސްފައި ވަނީ ހަމައެކަނި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތަކުގަ އެވެ. ސޫރިޔާގެ ރައްޔިތުން ދިރިއުޅޭ ގައުމުތަކުގެ ބައްޝާރުގެ އިތުރުން މި އިންތިޚާބުގައި ދެ ކެންޑިޑޭޓުން ވާދަކުރައްވާފައިވީ ނަމަވެސް މިއީ ޑިމޮކްރެޓިކް ހަމަތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް މިނިވަން މުސްތަގިއްލު ގޮތެއްގައި ބާއްވާފައިވާ އިންތިޚާބަކަށްނުވާތީ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން މި އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް ބައްޝާރު ކަމަށް މާކުރިންވެސް ވަނީ ބެލެވިފައެވެ. އަދި ދެ ކެންޑިޑޭޓަކު ބައްޝާރާ ވާދަކުރެއްވީ ހަމައެކަނި ނަމެއްގައި ކަމަށްވެ އެވެ.
ސޫރިޔާގެ ރިޔާސީ އިންތިޚާބާބެހޭގޮތުން އދ. ން ނާއި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް މަދަދުދޭ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުންވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ނަމަވެސް ސޫރިޔާގެ އިންތިޚާބެކޭ އެއްގޮތަށް މިސްރުގައި ބޭއްވި ރިޔާސީ އިންތިޚާބަށް އދ. އާއި ހުޅަނގުގެ ބާރުތަކުން ފާޑުކިޔާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)