05 Jun 2014, 01:06
ޗައިނާގައި ބާއްވާ ޓްރޭޑްފެއާގައި ބައިވެރިވެވަޑައިގަތުމަށް ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
ޗައިނާ އަށް ފުރާވަޑައިގަތުމުގެ ކުރިން އެއަޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާއިބް ރައީސް ޑރ. ޖަމީލް ވިދާޅުވީ އެ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުމަކީ ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ އެކޮނޮމިކް އެޖެންޑާ ތަންފީޒު ކުރުމުގައި ރާއްޖޭގެ ތަރައްގީގައި ޗައިނާއަށް އަދާކުރެވޭނެ ދައުރަކީ ކޮބައިތޯ ދެނެގަތުން ކަމަށެވެ.
"މިރޭގަ މި ދަތުރު ކުރަނީ ޗައިނާގަ ބޭއްވޭ ޓްރޭޑް ފެއާއެއްގަ ބައިވެރިވުމަށްޓަކައި. އެނގިވަޑައިގަންނަވާނެ ފަދައިން ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ހިއްސާދާރެއް. އަދި މިހާރުވެސް ރާއްޖޭގަ ކުރިއަށް ރޭވިފައި ހުރި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ޝައުގު ފާޅުކުރައްވާފައިވާ ގައުމުތަކުގެ ތެރެއިން މުހިންމު ގައުމެއް،" ނާއިބް ރައީސް ވިދާޅުވިއެވެ.

އެ ދަތުރުފުޅުގައި ސަރުކާރުން ރާއްޖޭގެ އުތުރުގައި ކުރިއަށްގެންދިޔުމަށް ރާވާފައިވާ "އައިހެވަން" ޕްރޮގްރާމާއި ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖްގެ އިތުރުން އެއާޕޯޓު ތަރައްގީ ކުރުމަށް ރާވާފާއިވާ މަޝްރޫއުތަކުގައި ޗައިނާގެ ބައިވެރިވުންތަކާ ބެހޭގޮތުން ވާހަކަދެކެވޭނެ ކަމަށް ވެސް ނާއިބް ރައީސް ވިދާޅުވިއެވެ.
ނާއިބް ރައީސް ވިދާޅުވީ އެދަތުރުފުޅުގައި ޗައިނާގެ ނާއިބް ރައީސާ އެކު ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބައްދަލުވުމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ވެސް ރާއްޖޭގެ ހައުސިން ސްކީމްތަކަށް، ހައުސިން ނީޑްސްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ އެއް ގައުމަކީ ޗައިނާ،" ނާއިބް ރައީސް ވިދާޅުވިއެވެ.
އެ ދަތުރުފުޅުގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ސައީދު ވިދާޅުވީ ޗައިނާގައި ބާއްވާ ޓްރޭޑް ފެއާގައި ރާއްޖޭގެ އުފެއްދުންތައް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
