އެކިއެކި ބޭނުންތަކުގައި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި ބޭރު ފައިސާ ގެންގުޅުމުގެ ބަދަލުގައި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑް ބޭނުންކުރަން ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފި އެވެ.

ގައުމީ ބޭންކުން ބުނީ، ބޭރު ގައުމުތަކަށް ގޮސް އުޅޭއިރު، ގިނަ އަދަދެއްގެ ބޭރު ފައިސާ ގެންގުޅުމުގެ ބަދަލުގައި ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރުމަކީ ލުއި ފަސޭހަ ވުމުގެ އިތުރުން މާ ރައްކާތެރި ވެސް ކަމެއްކަމުގައެވެ. އެގޮތުން ފައިސާގެ މުއާމަލާތްކުރުމަށް އެ ބޭންކުން ވިސާ ޑެބިޓް ކާޑުގެ އިތުރުން ވިސާ އަދި އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރަމުން އަންނައިރު އެ ކާޑުތަކަކީ ފުޅާ ދާއިރާއެއްގައި ދުނިޔޭގެ އެތައް މިލިއަން އައުޓްލޭޓް އާއި އޭޓީއެމްގައި ބޭނުން ކުރެވޭނެ ކާޑުތަކެއް ކަމަށް ވެސް ބޭންކުން ބުންޏެވެ.

"ރާއްޖޭން ބޭރުގައި ކްރެޑިޓް ކާޑު ނުވަތަ ޑެބިޓް ކާޑު ބޭނުން ނުކުރެވޭ ހާލަތްތަކުގައި ކަސްޓަމަރުން ހިތްހަމަ ނުޖެހޭ ކަން މި ބޭންކަށްވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، ކާޑަށް ދޫކުރެވިފައިވާ ލިމިޓުގެ ތެރެއިން ފައިސާ ދައްކާނަމަ އެފަދަ ކަމެއް ދިމާ ވުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ." ބޭންކުން ނެރުނު ބަޔާނެއްގައި ވެއެވެ.

ބީއެމްއެލްއިން ބުނީ، ކްރެޑިޓް ކާޑު ބޭނުންކުރާ ފަރާތްތަކުން ރާއްޖޭން ބޭރަށް ފުރުމުގެ ކުރިން ކާޑުގެ ލިމިޓް ޗެކު ކުރުމަށް އިލްތިމަސްކުރާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ހަމަޖެހިފައިވާ އުސޫލުން ވިސާ ޑެބިޓް ބޭނުންކުރާ ކަސްޓަމަރުންނަށް ދުވާލަކު 200 ޑޮލަރަށްވާ ފައިސާ ނެގޭއިރު ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 400 ޑޮލަރުގެ ލިމިޓެއްގެ ތެރެއިން ވިޔަފާރިކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ދޫކުރާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކުރުމުގައި އެއްވެސް ކަސްޓަމަރަކަށް މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ، އެ ބޭންކުގެ ކޯލް ސެންޓަރުގެ ނަންބަރު 9603330200+ އާ ގުޅުމަށް ނުވަތަ، 9607990200+ އާއި 9609990200+ އަށް އެސްއެމްއެސްއެއް ކުރުމުން ކޯލްސެންޓަރުގެ އެޖެންޓެއް ގުޅައި އެކަން ހައްލުކޮށްދޭނެ ކަމަށް ވެސް ގައުމީ ބޭންކުން ވަނީ ބުނެފައެވެ.

ފައިސާގެ ބަދަލުގައި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑް ބޭނުންކުރަން ބީއެމްއެލްއިން އިލްތިމާސްކޮށްފައި ވާ އިރު، އެ ބޭންކުން ވަނީ ރާއްޖޭން ބޭރަށް ދާން ޑޮލަރު ގަންނަ ފަރާތްތަކަށް ފަސޭހަ ހިދުމަތެއް ފޯރުކޮށް ދިނުމުގެ ގޮތުން މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން، ބީއެމްއެލްގެ ތިންވަނަ ފަންގިފިލާ އެކަމަށް ހާއްސަ ކޮށްފައެވެ.