ޔޫކްރައިންގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ލުހާންސްކް ސިޓީގައި ދިރިއުޅެމުންދިޔަ 18 ދިވެއްސަކު ވެރިރަށް ކިއެވުއަށް ބަދަލުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފަށައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އެ މަސައްކަތް ފަށާފައި ވަނީ މިއަދު މެންދުރު ކަމަށެވެ.

ސަރުކާރުން އެ މަސައްކަތް ފަށާފައި ވަނީ އެ 18 ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ އިންތިޒާމްތައް ހަމަޖައްސާނެ ގޮތަކާ މެދު އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫކުރެއިންގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ރައްކާތެރިކަމާ މެދު ޚާއްސަ ސަމާލުކަމެއް ދީގެން، އެ މިނިސްޓީގެ ފަރާތުން އެމީހުންގެ ހާ،ލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ޔޫކްރެއިންގެ އިރު މަތީ ސަރަހައްދުގައި ހަނގުރާމަ ކުރަމުން ގެންދާ، ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ، ލުހާންސްކް ސިޓީގައި ސިފައިންނާ ދެކޮޅަށް ބަދަލުކުރި ވަރުގަދަ ހަމަލާތަކަށް ފަހު އެސަރައްދުގައި ހުންނަ ސަރުކާރުގެ ދެ އިމާރާތެއް އެބައިމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.