ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް [ޖޭއެސްސީ]އަށް ރައީސް އައްޔަން ކުރައްވާފައި ހުންނެވި އެ ކޮމެޓީގެ މެންބަރު އައިޝަތު ވެލެޒިނީގެ ހަށިކޮޅަށް ތޫނު އެއްޗަކުން މިއަދު ހަމަލާދިން މައްސަލަ ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ޑީއާރުޕީން މިއަދު ގޮވާލައިފި އެވެ.


‹އެއްވެސް މީހަކު ފާޅުކުރާ ހިޔާލަކުން އެމީހަކަށް ހަމަލާދެވިގެން ނުވާނެ. ވެލެޒިނީ ފާޅުކުރައް ވަނީ އޭނާގެ ހިޔާލު›


ޖޭއެސްސީ އަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު ޑރ. އަފްރާޝީމް އަލީ މިއަދު ޑީއާރުޕީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެއްވެސް މީހަކަށް އެއްވެސް ސިފައެއްގައި އުދުވާނީ ހަމަލާއެއް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހަމަލާ އެންމެ ހަރުކަށި އިބާރާތުން ޑީއާރުޕީން ކުށްވެރިކުރާ ކަމަށެވެ. އަދި ގައުމުގެ ތުސްތޫރީ އެންމެ މަތީ ބާރުތަކަށް ހަމަލާދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކީ އަޅައި ނުލައި ދޫކޮށްލައިގެން ތިބުމަށް ވުރެ މާ ނުރައްކައިތެރިކަން ބޮޑުކަމެއް ކަމަށެވެ.


"ދުސްތޫރީ ނިޒާމަށް މިގޮތަށް ހަމަލާ ދެންޏާ މާދަން އެހެން މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ވެސް ހަމަލާ ދޭނެ. ރައްޔިތުންނަށް ހަމަލާދޭން އެމީހުން ޖެހިލުމެއް ނުވާނެ. މި ހާހިސާބަށް މިއޮތީ މިކަންތައް ގޮސްފައި. އެހެންވެ ފުލުހުންނާއި އެންމެހާ ޒިންމާދާރު މުއައްސަސާތަކުން މި މީހުން ހޯދައި ހައްގު އަދަބު ދޭން ޖެހޭނެ،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ.


ވެލެޒިނީ އަށް ދިން އެ ހަމަލާއަކީ އެކަމަނާގެ އަމަލުތަކާއި ފާޅުކުރައްވާ ހިޔާލާ މެދު ހިތްހަމަނުޖެހިގެން ބައެއް ސިޔާސީ ފަރާތްތަކުން ހިންގި އަމަލެއް ކަމަށް ޑީއާރުޕީން ދެކޭތޯ ސަން އޮންލައިނުން  ދެންނެވުމުން ޑރ. އަފްރާޝީމް ވިދާޅުވީ ޑީއާރުޕީއަކީ ޑެމޮކްރެޓިކް ޕާޓީއެއް ކަމަށާއި ވެލެޒިނީ އެ ފާޅުކުރައް ވަނީ އެކަމަނާގެ ހިޔާލު ކަމަށެވެ. އަދި އޭނާ އެ ފާޅުކުރައްވާ ހިޔާލަކުން އޭނާ އަށް އެއްވެސް ހަމަލާއެއް ދެވިގެން ނުވާނެ ކަމަށް ވެސް އަފްރާޝީމް ވިދާޅުވި އެވެ.


"އަޅުގަނޑު ނުދެކެން މިއީ ވެލެޒިނީގެ އަމަލުތަކާ މެދު އަޅުގަނޑުމެން ސުވާލުކުރަންވީ ވަގުތެއްކަމަކަށް. އެއްވެސް މީހަކު ފާޅުކުރާ ހިޔާލަކުން އެމީހަކަށް ހަމަލާދެވިގެން ނުވާނެ. ވެލެޒިނީ ފާޅުކުރައް ވަނީ އޭނާގެ ހިޔާލު،" ޑރ. އަފްރާޝީމް ވިދާޅުވި އެވެ.


ވެލެޒިނީ އަށް ދިން އެ ހަމަލާއާ ވިދިގެން އެމްޑީޕީން ވެސް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އެގޮތުން އެ ޕާޓީން މިއަދު ނެރެފައިވާ ނުސްބަޔާނުގައި ބުނަނީ ވެލެޒިނީ އަކީ ސާބިތުކަމާއި ހިތްވަރުފުޅު ގަދަކަމާ އެކު މަސައްކަތްޕުޅު ކުރައްވަމުން އަންނަ ސަހްސިއްޔަތެއް ކަމަށެވެ. އަދި މިއަދު އެކަމަނާ އަށް ދިން އެ ހަމަލާއަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށާއި ދުނިޔޭގެ ގައުމުތަކުން ވެސް މިފަދަ އަމަލެއް ފެނުމަކީ ނާދިރުކަމެއް ކަމަށެވެ.


އެބަޔާނުގައި އެމްޑީޕީން ވަނީ ސިޔާސީ ހިޔާލުތަފާތުވުންތައް ހައްލުކުރުމުގައި ހުރިހާ ސިޔާސީ ފަރާތްތަކުން ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް ގޮވައިލައިފަ އެވެ.


"...ސުލްހަވެރި ސިޔާސީ ހަރަކާތުގެ ތެރެއިން، ސިޔާސީ ދެބަސްވުންތައް ހައްލުކުރުމަށް މަސައްކަތްކޮށް، ސުލްހައިގެ މަގު ހިޔާރު ކުރުމަށް ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް މި ޕާޓީން އިލްތިމާސް ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.


ވެލެޒިނީގެ ހަށިކޮޅަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ މިއަދު ހެނދުނު ޝަހީދު ކުޑަނެވި ތުއްތު މަގުން އޭނާ ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އެކަމަނާގެ ބުރަކަށީގެ ތިން ދިމާލަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ.


އެކަމަނާގެ ހާލުބައްލަވައި ލެއްވުމަށްޓަކައި ރައީސް ނަޝީދު މިއަދު ހެނދުނު އައިޖީއެމްއެޗަށް ޒިޔާރްތަކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ އެއީ ވަރަށް "ފިޑި އަމަލެއް" ކަމަށާއި އެކަމުގައި ޝާމިލްވާ ފަރާތަކަށް އަދަބު ދެއްވާނެ ކަމަށެވެ.


ވެލެޒިނީ ގަޔަށް މިއަދުހަމަލާ ދިނީ، އޭނާ ޖޭއެސްސީގައި ހުންނެވިހާ ދުވަހަކު މި ސަރުކާރަށް އެއްބާރުލެއްވުން ނުދެއްވާނެ ކަމަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، އަދި ތިމަރަފުށީ ދާއިރާގެ ވެސް މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވިތާ 24 ގަޑި އިރު ވެސް ނުވަނީހެވެ.